ހޮލީވުޑްގެ ތަރި ޖޮނީ ޑެޕްއާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެމެދު 2022 ވަނަ އަހަރު ކުރިއަށްދިޔަ ކޯޓު ހަނގުރާމައަކީ މީޑިއާއާއި އާއްމުންގެ ސަމާލުކަން ލިބުނު ކަމެކެވެ.

އެ ކޯޅުން ޖޮނީއާ އެއްކޮޅަށް ނިމި އެމްބާގެ ފަރާތުން އޭނާއަށް ގިނަ އަދަދެއްގެ ފައިސާ ލިބުނުއިރު އެ ފައިސާ ހޭދަކުރަން ނިންމި ގޮތް ޖޮނީ ވަނީ މީޑިއާއަށް އޭރު ހިއްސާ ކޮށްފަ އެވެ.

އެ މައްސަލައާއެކު ޖޮނީއަށް ޖުމްލަ އެއް މިލިއަން ޑޮލަރު ލިބުނުއިރު އެ ހުރިހާ ފައިސާއެއް ޖޮނީ ހަދިޔާ ކޮށްފައިވަނީ ތަފާތު ފަސް ސަދަގާތް ފަންޑަކަށެވެ.

މި ސަދަގާތް ފަންޑުތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުޑަ ކުދިންނަށް އެހީވާ ފަންޑަކާއި ރައްކާތެރި ގެދޮރު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަންޑެއް ވެސް ހިމެނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖޯނީ އިހްތިޔާރު ކޮށްފައިވާ 5 ފަންޑުގެ ތެރެއިން ކޮންމެ ފަންޑަކަށް 200،000 އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފައިވެ އެވެ.

2015 ވަނަ އަހަރު ސިއްރުން ކައިވެނި ކުރުމަށްފަހު ޖޯނީއާއި އެމްބާ ވަނީ ޖެހިގެން އައި އަހަރު ވަރިވެފަ އެވެ. އެމީހުންގެ ކައިވެނީގައި ޖޯނީ އެމްބާއަށް އަނިޔާ ކުރި ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށައެޅި ނަމަވެސް އެ މައްސަލަ އޭނާއަށް ވަނީ ނާކާމިޔާބު ވެފަ އެވެ.

ބަދަލުގައި ޖޯނީ އެމްބާއާ ދެކޮޅަށް ހުށައެޅި އަބުރުގެ ދައުވާ އެމްބާގެ މައްޗަށް ސާބިތުވެ ބޮޑު ފައިސާގެ އަދަދެއް އޭނާ ޖޯނީއަށް ދޭން ޖެހުނެވެ.