އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާއާ ދިމާކޮށް މާލޭގެ ބައެއް މަގުތައް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.
"އެކްސް" ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
ނަމަވެސް މިރޭ ބަންދުކުރަން ނިންމާފައި ވަނީ ކޮން މަގުތަކެއް ކަމެއް ފުލުހުން ހާމައެއްނުކުރެ އެވެ.
"ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބާއްވާ މުޒާހަރާގައި ބައިވެރިވާން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ އެތައް ހާސް ބަޔަކު މާލެ އައިސްފަ އެވެ.
ފުލުހުން ވަނީ މުޒާހަރާގައި ގްރޫޕްތައް ނެރެގެން އެމްޑީޕީން ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ އެ ޕާޓީއަށް ދޮގު ތުހުމަތެއް ކޮށްފަ އެވެ.
އެކަމުގެ ރައްދުގައި އެމްޑީޕީން ބުނީ ގްރޫޕްތައް ނެރެގެން މިރޭ ހަމަނުޖެހުން ހިންގަން އުޅެނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ.
މުޒާހަރާ ކުރުމަށް ފުލުހުން ހުއްދަ ދީފައިވަނީ ބޮޑުތަކުރުފާނު މަގުން ގޮސް މާލޭގެ ބޮޑު ހަ މަގަކުންނެވެ.