އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންހްއާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗްޔާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އިންސްޓްގްރާމް މެދުވެރިކޮށް ބާރްތީ ކުރި ޕޯސްޓެއްގައި އޭނާ ވަނީ ބަނޑުބޮޑުކަން ފެެންނަ ފޮޓޯއަކާއެކު އެ ހަބަރު އާއްމުންނާ ހިއްސާ ކޮށްފަ އެވެ.
މިވަގުތު ސްވިޓްޒަލޭންޑްގައި ހަރްޝްއާއެކު ޗުއްޓީ ހޭދަކުރަމުން އަންނަ ބާރްތީ އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ އެމީހުން އަނެއްކާ ވެސް ބަނޑުބޮޑު ކަމަށެވެ.
އެއާއެކު ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އެ ދެމީހުންގެ ރަހުމަތްތެރިންގެ އިތުރުން އާއްމުން ވެސް ވަނީ އެމީހުންނަށް މަރުހަބާ ކިޔަން ފަށާފަ އެވެ.
2017 ވަނަ އަހަރު ކައިވެނިކުރި ހަރްޝްއާއި ބާރްތީއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ލަކްޝް (ގޯލާ) ލިބުނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އިތުރު ދަރިން ބޭނުންވާ ކަމަށް ހަރްޝް ބުނެފައިވެ އެވެ.
ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖުން އާއްމުންގެ މަގުބޫލުކަން ހޯދި ބާރްތީއަކީ އޭނާގެ ހެއްވާ މަޖާ މިޒާޖުގެ ސަބަބުން މަޝްހޫރުވި ތަރި އެކެވެ.