މިނިވަން މަގާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް މަގާމުތަކާ ހަވާލުވާތާ އަހަރެއް ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ ގާނޫނަށާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އެ އިސްލާހު ހުށަހެޅުއްވި ސަބަބަކީ މިނިވަން ކޮމިޝަންތަކުގެ މެންބަރުންނާއި އިސް މަގާމުތައް ފުރުއްވަވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމްކޮށްފައިނުވާތީ، އެ ބޭފުޅުން ވެސް ޖަވާބުދާރީކުރެވޭނެ އުސޫލެއް ގާއިމްކުރުމަށް ކަމަށް ކުޑޫ ވިދާޅުވިއެވެ.
އެ މަގާމުތަކާ ހަވާލުވާތާ ފުރަތަމަ 30 ދުވަހުގެތެރޭ އެ ފަރާތެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ ތަފްސީލުތައް ހުށަހަޅަންޖެހޭނެ ކަމަށް އޭނާ ހުށަހެޅުއްވި އިސްލާހުގައިވެއެވެ. އަދި މަގާމުތަކާ ހަވާލުވާތާ އެއް އަހަރު ފާއިތުވާތާ ތިން މަހުގެ ތެރޭ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނެއް ހުށަހަޅަންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މާލީ ބަޔާން ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ސަރުކާރުގެ ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް، ގާނޫނުއަސާސީ އިސްލާހުކުރުމަށް ވެސް ކުޑޫ ވަނީ ހުށަހަޅުއްވައިފައެވެ.
މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހޭ އުސޫލުތައް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ ގަވާއިދަށް ވެސް ކުޑޫ ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ.
މެންބަރުން ދައުރު ފަށާއިރު އެ މީހުންގެ އަތުގައި ހުރީ ކޮން އެއްޗެއްކަމާއި އެ މީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.