މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އަލަށް އުފައްދާ ކޮމިޝަންގެ އިންތިހާބަށް ވާދަވެރިކަން ނެތުމުން، ކުރިމަތިލައި ޝަރުތު ހަމަވި ހަތަރު ކެންޑިޑޭޓުން ވެސް ވޯޓަކާ ނުލާ އިންތިހާބުވެއްޖެ އެވެ.
އާ ގާނޫނުގެ ދަށުން އުފައްދާފައިވާ 'މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މަގާމަކީ މީޑިއާތަކުން އިންތިހާބު ކުރާ މަގާމުތަކެވެ. އެގޮތުން މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އޮންލައިން މީޑިއާ އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ.
މި ހަތަރު މަގާމަށް ކުރިމަތިލުމަށް މިދިޔަ ހަފްތާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ކުރިމަތިލި ހަ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވީ ފަސް ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
އީސީން މިއަދު ވަނީ އިންތިހާބީ މެންބަރުންގެ ނަންތައް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ އޭރުގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދު އާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމް އާއި އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފްގެ އިތުރުން އަބްދުލްއަޒީޒް އިބްރާހިމް އެވެ.
މީގެ ތެރެއިން ޒަމްއަތު އާއި އަބްދުލްއަޒީޒު ކުރިމަތިލެއްވީ ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުކަމުގެ މަގާށެވެ. ސިމާހާ އާއި ސަފީގް ކުރިމަތިލެއްވީ އޮންލައިން މީޑިއާ ތަމްސީލު ކުރާ މެންބަރުންގެ މަގާމަށެވެ.
އީސީގެ ބަޔާނުގައި ބުނީ ކޮމިޝަންގެ އިންތިހާބުގެ ގަވައިދުގެ 35 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން އެ ހަތަރު ބޭފުޅުން ވެސް އިންތިހާބުވެފައިވާ ކަމަށެވެ.
އެ މާއްދާގައި ބުނަނީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ، ޝަރުތު ހަމަވާ ކެންޑިޑޭޓުންނަށްވެފައި، އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދާ އެއްވަރު ނަމަ، ނުވަތަ އެއަށްވުރެ މަދު ނަމަ، އެ އިންތިހާބުގައި ވޯޓުލުމެއް ނެތި އެ ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީ ކަމަށް އިއުލާން ކުރަން ވާނެ ކަމަށެވެ.