ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މިހާރު ތައްޔާރުވަމުން އެދަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ރަށު ކައުންސިލުތަކެއް އުފެއްދުމުގެ ފުރުސަތު ދިނުމަށް ކަމަށް ބުނެ އައްޑު އަތޮޅު މުޅިން ބައިބައިކޮށްލަން މަސައްކަތް ކުރަމުންނެވެ.
ކުރިން ވެސް ސިޔާސީ ގޮތުން ހިޔާލުތަފާތުވުން ބޮޑު އަތޮޅު، އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ރަށު ކައުންސިލުތަކެއް އުފެއްދުމުގެ ފުރުސަތު ފޭދޫ އާއި ހުޅުދޫ އާއި މީދޫއަށް ސަރުކާރުން ދީފައިވާއިރު، ސަރުކާރުން ބުނާ ގޮތުގައި މިއީ އެ ރަށްރަށުގެ ރައްޔިތުންގެ ބޭނުންވެގެން، އެކަމަށް އެދި ހުށަހަޅައިގެން، އެ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިން ގޮތް ކަނޑައަޅަން ދިން ފުރުސަތެކެވެ.
އެހެން ނަމަވެސް އައްޑޫގެ ގިނަ ރައްޔިތުންނާއި އިދިކޮޅުފަރާތްތަކުން މިކަން ސިފަކުރަނީ ސަރުކާރު އަޑީގައި އޮވެ، އައްޑޫ ބައިބައިކޮށްގެން ސިޔާސީ ބާރުވެރިކަން ހޯދަން ހިންގާ، ރޭވުންތެރި، ނުބައި ކުޅިގަނޑެއްގެ ގޮތުގަ އެވެ.
މިކަމުގައި ރައްޔިތުންގެ ހިޔާލުހުރި ގޮތް ދެނެގަންނަން ނަގާ ފެންނަ ނުފެންނަ ވޯޓު ގުޅިގެން އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި، މި ތިން ރަށަށް ވަކި ރަށު ކައުންސިލުތަކެއް އުފެއްދުމާ އެއްކޮޅަށް ހުއްޖަތުތަކެއް ބަޔާންކޮށްފައިވެ އެވެ. ސަރުކާރުން ބުނާ ގޮތުގައި އައްޑޫ ސިޓީ ކައުންސިލު މިހާރު އެކުލެވިގެންވާ ގޮތުން، އައްޑޫގެ ރަށްތަކުގެ އައިޑެންޓިޓީއަށް އުނިކަން ލިބި އެ ރައްޔިތުންނަށް ރަށު ވަންތަކަން ދިރުވައި އާލާކުރަން ހުރި ފުރުސަތުތައް ހަނިވެފައިވާ ކަމަށް ބުނެ އެ މީހުން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ބުނީ އައްޑޫގެ ގިނަ ހިދުމަތްތައް މަރުކަޒުވެފައިވާ ހިތަދޫ އާއި ފޭދޫއާ އޮންނަ ދުރުމިނާއި، ހުޅުދޫ އާއި މީދޫ ހިތަދުއާ މުޅިން ވަކިން އޮތުމަކީ ވަކި ކައުންސިލްތަކެއް އިތުމުގެ ބޭނުމެކެވެ. ނޫންނަމަ މިކަމުގެ ސަބަބުން ހޯދަން ދާ ހިދުމަތާ ނުބައްދަލު އަދަދެއް ދަތުރުފަތުރަށް ކުރަން ޖެހި، އެ ކަމަށް ހޭދަވާ ވަގުތުގެ ދިގުކަމަކީ އެ ރަށްރަށުގެ ރައްޔިތުން އުފުލަން ޖެހޭ ބޮޑު ތަކުލީފެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އޭގެ އިތުރުން ހުޅުދޫ ކައުންސިލަރާއި މީދޫގެ ކައުންސިލަރު، ކައުންސިލް ޖަލްސާތަކުގައި ބައިވެރިވާން ހިތަދުއަށް ދަތުރުކޮށްފައި ގޮސް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން، ރައްޔިތުންނާ ދުރުގައި އެއަށް ވުރެ މުނާސަބު ނޫން ގިނަ ކަންކަމުގައި ވަގުތު ހޭދަކުރަން ޖެހޭކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަމަށާއި އަދި މި ދެ ރަށުގެ ކައުންސިލަރުން ބޭނުންވާ ކަންކަން ޖަލްސާތަކުގައި އެޖެންޑާ ނުކުރެވޭ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ސަރުކާރުން ބުނީ، ރައްޔިތުން އެދެމުންދާ ގޮތަށް، ރަށުގެ އިދާރީ ކަންކަން އެ ރައްޔިތުން ބޭނުންވާ ގޮތަށް ހަމަޖެހިދާން އެ ރަށްތަކުގެ ރައްޔިތުން ބޭނުންވާ ގޮތެއް ދެކުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. މިހެން ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ މި މައްސަލައިގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ވިދާޅުވެ، މިއީ ސަރުކާރުން ބޭނުން ވެގެން ކުރަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކުން ރެކިވަޑައިގެންފަ އެވެ.
މި ވޯޓުގައި ސަރުކާރު ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ އައްޑޫގެ ދާއިރާތައް ތަމްސީލުކުރާ މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުން ގެންދަނީ ވަކި ކައުންސިލުތަކެއް އުފައްދަން ވޯޓު ދޭން ގޮވާލަމުންނެވެ. ސަރުކާރު ޕާޓީގެ މެންބަރުންގެ ތެރެއިން މިކަމާ ދެކޮޅަށް އަޑުއުފުލީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެކަންޏެވެ. މިކަމުގައި އިދިކޮޅު ފަރާތްތަކުގެ ރަސްމީ ސްޓޭންޑަކީ ކައުންސިލުތައް ބައިކުރުމާ ދެކޮޅަށް ވޯޓު ދިނުމަށެވެ.
އައްޑޫއަކީ މާލެ ސަރަހައްދު ނަގާފައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ އާއި ދިރިއުޅޭ އާބާދީ ވެސް އެންމެ ބޮޑު އަތޮޅެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ އޮންނަނީ ހަ ރަށެވެ. އެއީ ހިދަތޫ އާއި ފޭދޫ އާއީ މަރަދޫގެ އިތުރުން މަރަދޫފޭދޫ އާއި ހުޅުދޫ އާއި މީދޫ އެވެ. މި ރަށްތަކުގެ ތެރެއިން ފޭދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އޮންނަނީ އެއްގަމު މަގުން ހިތަދޫއާ ގުޅިފަ އެވެ. އައްޑޫ އަތޮޅުގެ ހުރިހާ ރަށްތަކެއް އެއް ރަށެއްގެ ގޮތުގައި އޮވެ، ސިޓީ ކައުންސިލެއް އުފެއްދީ ވެސް ރައްޔިތުންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކަށް ފަހު އެވެ.
އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ. ހުޅުދޫ އާއީ މީދޫގެ ރައްޔިތުންނަށް ވަނީ ދެ ރަށް އެކުގައި އޮވެ ކައުންސިލެއް ނަގާނީތޯ، ނޫނީ ވަކިން އޮވެ ކައުންސިލެއް ނަގާނީތޯ އިހުތިޔާރުކުރަން ވެސް ފުރުސަތު ދީފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ވޯޓަސް ލިސްޓުގައިވާ ގޮތުން، މި މަހުގެ 26 ގައި ނަގާ މި ވޯޓުގައި، 9،577 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. ސުވާލަކީ، މި ވޯޓަށް ފަހު ދެން ވާނީ ކިހިނެއް ހެއްޔެވެ؟
ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން 3،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރަން ޖެހެނީ ހަތް މެންބަރުންނެވެ. އައްޑޫ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި، މި ތިން ރަށުގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 3،000 އަށް ވުރެ ގިނަ އެވެ. އެހެންކަމުން މި ތިން ރަށުގައި ވަކިވަކި ކައުންސިލެއް އުފައްދާ ހާލަތުގައި ވެސް، އަދި ހުޅުމީދޫ އެކުވެގެން ކައުންސިލެއް އުފެއްދާ ހާލަތުގައި ވެސް އޮންނާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލުތަކެކެވެ.
ރަށު ކައުންސިލުތަކެއް އުފެދިގެން ދިޔުމުން އެންމެ ބޮޑު ތަފާތެއް އަންނާނީ މި ރަށްތަކަށް ލިބޭ ބަޖެޓަށެވެ. ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ދޫކުރާ ފައިސާ އެންމެ ގިނަ ފައިސާ ލިބެނީ ސިޓީ ކައުންސިލުތަކަށެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އައްޑޫ ސިޓީ ކައުންސިލަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. މާލެ ސިޓީ ކައުންސިލު ނަގާފައި އެންމެ ބޮޑު ބަޖެޓެއް ލިބެނީ އައްޑޫ ސިޓީ ކައުންސިލަށެވެ.
ކަންމިހެން އޮތްރު، އައްޑޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ މި ވޯޓުގެ ސަބަބުން މުޅި އައްޑޫ ބައިބައިވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނަމުންނެވެ.