ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް އެކްޓަރު ކަމަށްވާ ސަލްމާން ޚާން އޭނާއާއެކު މަސައްކަތްކުރި ބައެއް ޑައިރެކްޓަރުންނަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފި އެވެ.

ސަލްމާން އޭނާގެ ޑައިރެކްޓަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދީފައިވަނީ އެ ޑައިރެކްޓަރުން އޭނާގެ މަސައްކަތާ ބެހޭގޮތުން މީޑިއާގައި ދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އެގޮތުން ސަލްމާންގެ ފިލްމު "ދަބަންގް"ގެ ޑައިރެކްޓަރު އަބީނާވް ކަޝްޔަޕް ވަނީ ލަހެއްނުވެ ސަލްމާން ދެކަކޫ މައްޗަށް ތިރިވެ ސަލާން ޖަހަން ފަށާނެ ކަމަށް ބުނެފަ އެވެ.

އެ ބަހަށް ރައްދު ދިނުމުގެ ގޮތުން ސަލްމާންގެ ޝޯ ބިގްބޮސްގެ ވީކެންޑް ވާރްގައި ވާހަކަ ދައްކަމުން އޭނާ ބުނީ ބޮލީވުޑްގައި އަބީނާވްއަށް އެއްވެސް މަސައްކަތެއް ލިބޭތޯ ސުވާލު އުފެދޭ ކަމަށެވެ.

އަބީނާވްގެ އިތުރުން "ސިކަންދަރް"ގައި ސަލްމާންއާއެކު މަސައްކަތްކުރި ޑައިރެކްޓަރު އޭއާރް މުރުގަދޮސް ވެސް ވަނީ ސަލްމާންއަކީ މަސައްކަތަށް ފަރުވާކުޑަ މީހެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފަ އެވެ.

އެގޮތުން "ސިކަންދަރު"ގެ ޝޫޓިންއަށް ސަލްމާން އަންނަނީ ގަޑި ޖެހިގެން ކަމަށާއި ވަގުތަށް ކަމޭހިތުމުގައި ސަލްމާން ވަރަށް ފަރުވާކުޑަ ކަމަށް މުރުގަދޮސް ބުނެފައިވެ އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެމުން ސަލްމާން ބުނީ އެ ފިލްމަށް ލިބުނު ނާކާމިޔާބުން ރެކެން ވެގެން މުރުގަދޮސްއާއި ފިލްމުގެ ޕްރޮޑިއުސަރުން މަސައްކަތްކުރި ކަމަށެވެ.

ސަލްމާން ފާހަގަ ވެގެންދަނީ އޭނާއަށް ބަހުގެ ހަމަލާތައް އަމާޒުކުރާ ފަރާތްތަކަށް ފާޅުގައި ރައްދުދޭ އެކްޓަރެއްގެ ގޮތުގަ އެވެ. ނަތީޖާއަކަށް ވެފައިވަނީ ބޮލީވުޑްގައި އޭނާއާ ނުގުޅޭ ބައެއް ފަރާތްތައް އުޅުމެވެ.