ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމަށް ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމުކޮށްފި އެވެ.

އެ ސިސްޓަމް ގާއިމުކޮށްފައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީ އާއި އެންސީއައިޓީގެ މުވައްޒަފުންނެވެ. އެ މަސައްކަތްތައް ފުރިހަަމަކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މާފަރުގައި އަލަށް ބެހެއްޓި ‎ބޯޑާ ކޮންޓްރޯލް ނިޒާމާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި އެ ހިދުމަތް ފުރިހަމައަށް ލިބެން ހުންނާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހަރުދަނާކޮށް ނިމިފައިވާ ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްގީއާ އެކުގައި މަސައްކަތްކުރާ ނިޒާމެއްކަން ފާހަގަކުރަމެވެ. މި ނިޒާމް ގާއިމުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ގޮތް ވުމަކީ ޤައުމުގެ މިވަގުތު ހާލަތަށް ބަލާއިރު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަކަން ފާހަގަކުރަމެވެ." ކޮމިއުނިކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެ އެއާޕޯޓުގައި ހަރުކުރި އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް އެންސީއައިޓީގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި މާފަރު އެއާޕޯޓުގައި އެ ނިޒާމް ގާއިމުކޮށް ނިމުމަކީ އެ މިނިސްޓްރީއިން ވަރަށް ބޮޑަށް އުފާ ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.