އިސްތިއުނާފު ފޯމާއެކު ދައްކަންޖެހޭ ރަޖިސްޓްރޭޝަން ފީ ނުދައްކައިގެން ޑްރަގްގެ ބޮޑު މައްސަލައެއް ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ އަކީ "މަސްޖަރީ 2" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރުމަށް ފަހު، "ޕްރިންސަސް ސަމީރާ" ލޯންޗުގައި މާލެ ގެނެސް ކާރެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް 72 ކިލޯގެ ޑްރަގްގެ މައްސަލައެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރުކުރިޔަސް ދައުވާ ކުރީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔާއި ދ. މާއެނބޫދޫ، އަނބުގަސްދޮށުގެ، އަހްމަދު ނަސީރާއި ހ. ގާޑްންބިޔުޓީ، މުހައްމަދު އަކްރަމްގެ މައްޗަށެވެ. އެ އިން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތެއްނުވެ އެވެ.

އިރުފާނުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ނިންމެވީ މައްސަލަ ރަޖިސްޓްރީކޮށް ނުދިނުމަށެވެ. ސަބަބެއް ކަމަށް ފާހަގަކުރީ ރަޖިސްޓްރޭޝަން ފީ ދައްކަން މި މަހުގެ ފަސް ވަނަ ދުވަހު އެންގިޔަސް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވުމެވެ.

"... "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" 5 އޮކްޓޫބަރުގައި މެއިލްކުރެވިފައިވާއިރު، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާތީ، ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ، މި މައްސަލަ ބަލައިގަނެވެން ނެތް" ރަޖިސްޓްރާގެ ނިންމުމުގައި ބަޔާންކޮށްފައި ވެ އެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ހައި ކޯޓުން އެއްވެސް ލިޔުމެއް އީމެއިލް މެދުވެރިކޮށް އެ ކޯޓަށް ފޮނުވާފައިނުވާ ކަމަށެވެ.

"އެފަދަ ލިޔުންތައް މިއޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، އެ މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ފާހަގަވޭ،" އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ވަނީ މި ނިންމުން މުރާޖާކުރަން ހުށަހަޅަން ނިންމާފައެވެ.