2016 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ޑަންގަލް"އިން ބޮލީވުޑަށް ތައާރަފްވި ޒައިރާ ވަސީމް ކައިވެނި ކުރިކަން އިއުލާން ކޮށްފި އެވެ.
ޒައިރާގެ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ކުރި ޕޯސްޓެއްގައި ކައިވެނީގެ ތެރެއިން ނަގާފައިވާ ދެ ފޮޓޯއާއެކު ބުނެފައިވަނީ "ގަބޫލު ކޮށްފިން" ކަމަށެވެ.
ޒައިރާ ކައިވެނި ކުރިކަން އިއުލާން ކޮށްފައި މިވަނީ ދުވަސްތަކެއް ވަންދެން ސޯޝަލް މީޑިއާއާ ވެސް ދުރުގައި ހުރުމަށްފަހު ކުރި ފުރަތަމަ ޕޯސްޓުގަ އެވެ.
ޒައިރާގެ ކުރު ބޮލީވުޑް ހަޔާތުގައި އޭނާ ފެނިގެންދިޔައީ އެންމެ ތިން ފިލްމުން ނަމަވެސް އޭނާގެ ފިލްމު "ސީކްރެޓް ސުޕަސްޓާ"އަކީ އަދި އަދަށް ދާން ދެން ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި އަންހެން ތަރިއަކު ލީޑު ރޯލުން ފެންނަ ފިލްމެވެ.
ތިން ފިލްމަށްފަހު ޒައިރާ ބޮލީވުޑް ދޫކޮށްލިކަން އިއުލާން ކުރީ ބޮލީވުޑްގެ ސަބަބުން އޭނާއާއި އޭނާގެ ދީން ދުރުކުރާ ކަމަށް ބުނެ އިސްލާމް ދީނުގެ މަގުގައި ކުރިއަށް ދިއުމަށެވެ.
އޭގެ ފަހުން އޭނާގެ ސޯޝަލް މީޑިއާގައި ވެސް އާއްމުކޮށް ފެންނަނީ ނަސޭހަތުގެ ބަސްތަކާއި އެ ނޫން ވެސް އިސްލާމީވަންތަ ޕޯސްޓު ތަކެވެ.