ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދި ޕީއެންއެފްގެ ގައުމީ ޖަލްސާ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ޕީއެންއެފް އިން ކުރި އިއުލާނެއްގައި ވަނީ އެ ޖަލްސާގައި އެ ޕާޓީގެ ދާއިމީ މަގާމްތަކަށް މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ.
އެ ޖަލްސާގައި އެ ޕާޓީގެ ރައީސަކު ހޮވާއިރު، ދެ ނައިބު ރައީސުން ވެސް ހޮވާނެ އެވެ. އަދި ސެކްރެޓަރީ ޖެނެރަލް ކަމަށާއި ރަޖިސްޓްރާ ކަމާއި ހަޒާންދާރު ކަމުގެ އިތުރުން 14 ސެނެޓް މެންބަރުން ވެސް ހޮވާނެ އެވެ.
މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އޭޕްރީލް 9، 2024 ވަނަ ދުވަހުގެ ރޭ ގިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުމުން ސަރުކާރުން ވަނީ ފުލުހުން މެދުވެރިކޮށް އެކަމަށް ހުރަސް އަޅާފަ އެވެ. އެހެންވެ، އެ ޖަލްސާ ބޭއްވި ރާޅުގަނޑު ސަރަހައްދުގަ އެވެ.
ޕީއެންއެފްގެ ވަގުތީ ރައީސް ކަމަށް އެ ޖަލްސާގައި ހަމަޖައްސާފައި ވަނީ ޒެއިން އަބްދުﷲ ޔާމީނެވެ.