އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ރަށްތަކާއި ސިޓީތަކުގެ އާބާދީގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، އިންތިހާބު ބޭއްވުމުގެ ކުރިން މި މައުލޫމާތުތައް އާންމުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެކެވެ. މިގޮތުން އީސީން ވަނީ މިދިޔަ މަހުގެ 30 ގެ ނިޔަލަށް ހުރި އާބާދީގެ މައުލޫމާތު ހުކުރު ދުވަހު އާންމުކޮށްފަ އެވެ.

އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މާލޭ ސިޓީގައި 83،813 މީހުން ރަޖިސްޓަރީ ވެފައި ވާއިރު، އައްޑޫ ސިޓީގައި 35،549 މީހުން ރަޖިސްޓަރީ ވެފައިވެ އެވެ. އަދި ކުޅުދުއްފުށީ ސިޓީގައި 11،110 މީހުންނާއި ތިނަދޫ ސިޓީގައި 10،453 މީހުން ރަޖިސްޓަރީ ވެފައިވެ އެވެ.

ސިޓީތައް ފިޔަވައި އެހެނިހެން ރަށްރަށުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް ރަޖިސްޓަރީ ވެފައި ވަނީ ޅ. ނައިފަރުގަ އެވެ. އެ ރަށުގައި 5،878 މީހުން ރަޖިސްޓަރީ ވެފައިވާއިރު، ލ. ގަމުގައި 5،523 މީހުންނާއި، ޅ. ހިންނަވަރުގައި 5،092 މީހުންނާއި، ރ. ދުވާފަރުގައި 5،037 މީހުން ރަޖިސްޓަރީ ވެފައިވެ އެވެ.

އަންނަ އަހަރުގެ އިންތިހާބުގެ ކުރިން ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ނިންމާފަ އެވެ. މި އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލުތައް އުވާލުމާއި، ރަށު ކައުންސިލުތަކުގެ މެންބަރުންގެ އަދަދު ދަށްކުރުން ހިމެނެ އެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލުގެ އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މި މަހުގެ 25 ވަނަ ދުވަހު ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.