ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ މާޗް މަހުގެ 28 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން ކުރިން ނިންމާފައި ވަނީ އޭޕްރީލް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 17 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިފަހަރު އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ.
އިންތިހާބުގެ އެކި މަސައްކަތްތަކަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާ ކަމަށާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.
"ޓްރެއިނަރުންގެ ގޮތުގައިވެސް 110 ވަރަކަށް މީހުން އެބަ ބޭނުންވޭ. އެމީހުންނަށްވެސް އެބަޖެހޭ އިންޓަރނަލް ތަމްރީންތަކެއް ދޭން. އެހެންވީމަ މިގޮތަށް ހުޅުވާލީމަ މިހާރު އެބަތިބި 115 ވަރަކަށް މީހުން ހުށަހަޅާފައި. މިހާރު މިގެންދަނީ އެމީހުން ޓްރެއިނަރުން ގޮތުގައި ރެކްރޫޓްކުރުމުގެ މަރުހަލާ. އެއިން ކޮންމެ މީހަކާ އިންޓަރވިއުކޮށް، އެ އިންޓަރވިއު ޕްރޮސެސްގެ ތެރެއިން އޭނާ ފާސްވޭތޯ ބަލައި މިހުރިހާކަމެއް އެބަދޭ. އެއާއެއްކޮށް ކޮންމެ ރަށަކުން ނަގަންޖެހޭ ފޯކަލް ޕޮއިންޓުން ނެގުންވެސް އެބަދޭ ކުރިއަށް. ކޮންމެ ރަށެއްގައި ރަށު ފެންވަރުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ނަގާ ބައެއް އެއީ." ޒާހިދު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު ބޭއްވުމުގެ ކުރިން ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މި މަހުގެ 25 ވަނަ ދުވަހު ބާއްވާ އައްޑޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށްފަހު އެ އިސްލާހުތައް ހުށަހަޅާނެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ 2000 އަށްވުރެ އާބާދީ މަދު ރަށްތަކުގައި ތިން ކައުންސިލަރުން ތިބޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެއަށްވުރެ އާބާދީ ބޮޑެތި ރަށްރަކުގައި ފަސް ކައުންސިލުން ތިބޭގޮތަށް ހަދަން އިސްލާހު ހުށަހަޅަން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ވެސް ވަނީ ނިންމާފަ އެވެ.