ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލުމާ އެކު ސްރީލަންކާއަށް ދިއުމުން އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެއަށް ފޮނުވާލައިފި އެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފަސް ދުވަސް ދިނުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.
އޭނާ އަލުން ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރަމުންދަނިކޮށް ވަނީ ފިލަންވެގެން ލަންކާއަށް ފުރާފަ އެވެ. ލަންކާއަށް އޭނާ އެތެރެވިޔަނުދީ އަނބުރާ ރާއްޖެއަށް ފޮނުވާލުމުން ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހާފަ އެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތު ކުރެވޭ އަލީ އަންވަރަކީ އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެކުރިން ހައްޔަރުކުރި މީހެކެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި އަލީ އަންވަރުގެ އެޕާޓްމެންޓުން ތިން ރަބަރު ޕެކެޓުގައި 16 ގްރާމްގެ މަސްތުވާތަކެތި ފުލުހުން ހޯދި އެވެ. އެ އެޕާޓްމަންޓުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރަން ބޭނުން ކުރާ ކައްޓާއަކާއި އޭނާގެ ޕާސްޕޯޓް ހިމެނެ އެވެ.