ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި ފުވައްމުލަކުން ފެނުގެ ހިދުމަތް ކެނޑިއްޖެ އެވެ.
ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ ރޭ ދަންވަރުން ފެށިގެން މުޅި ރަށުން ފެން ކެނޑިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފެނަކައިން ބުނީ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި ރަށުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ
"މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ފެނުގެ ހިދުމަތް އަލުން ދެވޭނެ ވާހަކަ ދަންނަވަމެވެ،" ފެނަކައިން ބުންޏެވެ.
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ފުވައްމުލަކުން އަންނަނީ ފެނުގެ ހިދުމަތް މެދުކަނޑާލަމުންނެވެ. އާންމުގޮތެއްގައި ފެނުގެ ހިދުމަތް ކަނޑާލަނީ މެންދަމު 12:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމުން ގިނަ ބަޔަކަށް އެކަމުގެ އުނދަގޫ އިހުސާސް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން ފެނަކަ ކޯޕަރޭޝަން ނުކުޅެދިފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.
"މި މައްސަލަ ދިމާވެގެން އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް މިކަން ފެނަކައަށް ހައްލެއް ނުކުރެވުނު. ރަށުގެ ގިނަ ބަޔަކު ސަޕްލައި ފެން ބޭނުންކުރަމުން ދިޔަ ނަމަވެސް އަނެއްކާ ވެސް މިވަނީ ވަޅު ފެން ބޭނުންކުރަން ޖެހިފައި،" އޭނާ ބުންޏެވެ.
ފަހަކަށް އައިސް ފުވައްމުލަކުގެ ގިނަ ބަޔަކު ބޯން ބޭނުންކުރަނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ފެނުގެ ބަދަލުގައި މެޝިނުން ފިލްޓާކޮށްފައިވާ ފެނެވެ. ނަމަވެސް ކޮންމެ ދުވަހަކު ފެން ކަނޑާލާތީ ބައެއް ގޭގޭގެ ފިލްޓަރު މެޝިން ވެސް ހަލާކުވަމުންދާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ.
ރާއްޖޭގެ އިގްތިސާދީ ކުރިމަގު ފެންނަނީ އުޖާލާކޮށް: އެމްއެމްއޭ
ޔޯގާ ސްޓޫޑިއޯ ހުޅުވުމުން އިހުސާންއާއި މަރިޔާއާ ސުވާލުކުރަނީ
ކުރިން މޫނު އަނބުރާލި މީހުން މިހާރު ދަނީ ފިލްމުތައް ދެމުން: ބޮބީ