މަސް ދޯނިތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީއިން ދީފި އެވެ.
ފިޝަރީސް މިނިސްޓްރީއިން ބުނީ، ބިދޭސީން މަސް ދޯނީގައި ގެންގުޅުމުގެ ހުއްދަ ދޭން ނިންމީ، މަސް ދޯނިފަހަރުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ލިބުމުގެ ދަތިކަން ކުރިމަތިވާތީ ކަމަށެވެ.
ގަވައިދަށް ގެނައި އިސްލާހާއެކު މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާއި އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ބިދޭސީ ދެ މީހަކު ގެންގުޅެވޭނެ އެވެ.
މަސް ދޯނި ފަހަރުގައި ބިދޭސީން ގެންގުޅެން ޖެހެނީ ވަކި އުސޫލަކަށެވެ.އެގޮތުން ބިދޭސީންނަށް ހުއްދަ ދެނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާށެވެ. އިތުރުން އެކްސްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ވެސް ހުއްދަ ދެ އެވެ.
އެ ބަދަލާއެކު މަސްވެރި އުޅަނދުފަހަރުގައި ގެންގުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް ސައްހަ ހުއްދައެއް އޮވެގެން މަސައްކަތްކުރާ ފަރާތްތަކެއްކަން ޔަގީންކުރަން ވާނެކަމަށް ފިޝަރީސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.