ރާއްޖޭގެ އުފެއްދުންތެރިކަމާ އަޅައިބަލާއިރު، މިހާރު ރާއްޖޭގެ ޖުމްލަ ދަރަނީގެ ނިސްބަތް 106 ޕަސެންޓަށް އުފުލިފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް މާލީ ގޮތުން ފާހަގަވާ މުހިންމު ކަންކަމުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި، ޖުމްލަ 127.8 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.
މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ ދެ ޕަސެންޓު އިތުރު އަދަދެކެވެ. މި ކަމުން ހާމަ ވަނީ އިގްތިސޯދީ ދުވެލި ކުރިއެރި މިންވަރަށްވުރެ، ދަރަނީގެ ނިސްބަތް ކުރިއެރި ކަމެވެ. އެއާއެކު އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅައިބަލާއިރު، ދަރަނީގެ ނިސްބަތް ވަނީ 104 ޕަސެންޓުން، 106 ޕަސެންޓަށް އިތުރުވެފައިކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.
އެމްއެމްއޭއިން ބުނީ ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭރުން ދަރަނި ނެގުމަށްވުރެ ބޮޑަށް، ރާއްޖޭގެ އެތެރެއިން ދަރަނި ނެގުން ކަމަށެވެ.
މީގެ އިތުރުން މި އަހަރުގެ ޖުލައި މަހު، ސަރުކާރުގެ ޖުމްލަ ހަރަދު, އެމޯޓައިޒޭޝަން ނުހިމަނައި، 553.4 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައިއާ އަޅައިބަލާއިރު 14 ޕަސެންޓުގެ ދަށްވުމެކެވެ. މައިގަނޑު ގޮތެއްގައި މިހާ ބޮޑު ދަށްވުމެއް އައީ، ކެޕިޓަލް ޚަރަދުތައް ދަށްވީމަ އެވެ.
ނަމަވެސް ރިކަރެންޓް ޚަރަދު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރުގެ މި މުއްދަތުގައި 33.9 މިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ.
ބޭރު ފައިސާގެ ރިޒާވަށް ބަލާއިރު، މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިޒާވް ވަނީ އިތުރުވެފަ އެވެ. އެގޮތުން ޖުލައިގައި ހުރީ 774.52 މިލިއަން ޑޮލަރުގަ އެވެ. އޯގަސްޓު މަހު ވަނީ 810.05 މިލިއަން ޑޮލަރަށް އިތުުރުވެފަ އެވެ. އަދި މިދިޔަ މަހު ރިޒާވުގައި 859.46 މިލިއަން ޑޮލަރު ހުއްޓެވެ.
މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު މަރުކަޒީ ބޭންކުގައި ދައުރުވަމުންދާ އަދި ރިޒާވްގެ ގޮތުގައި ހިފެހެއްޓިފައިވާ ޖުމްލަ ފައިސާގެ އަދަދު (ރިޒާވް މަނީ ނުވަތަ އެމް0) ވަނީ ތިން ޕަސެންޓު ދަށްވެފަ އެވެ.
މިކަން ދިމާވީ މައިގަނޑު ގޮތެއްގައި ބޭރުގެ ފައިސާގެ ސާފު (ނެޓް) އަދަދު، އެހެން ގައުމުތަކަށް ދައްކަންޖެހޭ ދަރަނި އުނިކުރުމަށްފަހު، ދަށްވުމުންނެވެ.
މި ދަށަށް ދިޔަ މައިގަނޑު ސަބަބަކީ، ރާއްޖެއިން ބޭރުން އިތުރު ފައިސާ ދަރަންޏަށް ނެގުމުވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އިންޑިއާގެ ރިޒާވް ބޭންކާ އެކު ހެދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނެ އެވެ.
އެ އެއްބަސްވުމާއެކު ލިބުނު ފައިސާއާއެކު، ބޭރުގެ ބައެއް އެސެޓްތައް އިތުރުވި ނަމަވެސް، އަނބުރާ ދައްކަންޖެހޭ އަދަދު އިތުރަށް ބޮޑުވެ، ބޭރުގެ އެސެޓުގެ ސާފު އަދަދު ދަށްވީ އެވެ.
މަރުކަޒީ ބޭންކުން ރާއްޖޭގެ ތެރޭގައި ދައުރުކުރާ ފައިސާ އިތުރުވެފައިވާއިރު، މިގޮތަށް ދިމާވީ ރާއްޖޭގައި ހިންގާ ބޭންކުތަކަށާއި މާލީ އިދާރާތަކަށް، މަރުކަޒީ ބޭންކުން އިތުރު ލޯނު ދިނުމުންނެވެ. އެހެންކަމުން ރާއްޖޭގެ ބައިނަލްއަގްވާމީ މާލީ ހާލަތު ދަށްވެ، އެތެރޭގެ މާލީ އެސެޓްތައް އިތުރުވެ، ޖުމްލަ ރިޒާވް ފައިސާ ދަށްވެގެން ވަނީ ގޮސްފަ އެވެ.
"އަލްވަދާއު"ގެ އޮންލައިން ބުކިންގްއަށް ހުޅުވާލައިފި
ރުޅިއަކީ ޖިސްމާނީ ސިއްހަތަށް ވެސް ނުރައްކަލެއް!
"ގާނޫނާ ހިލާފަށް ވެހިކަލް ރެޖިސްޓްރީ ކޮށްދޭން މެމްބަރުން އެދޭ"