ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ބަހާލި ޕްރޮޖެކްޓްތަކުގެ ތެރެއިން، އަތޮޅު ވެރިކަން ކުރާ ރަށްރަށާއި އާބަން ސެންޓަރުތައް ހިމެނޭ ގޮތަށް 20 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް 40 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ރާއްޖެއަށް ފުޅާދާއިރާއެއްގައި މޮޓޯ ބައިކް ގެންނަ ލިޓަސް އޮޓޯ މޯބައިލް ކުންފުންޏާ ހަވާލު ކޮށްފި އެވެ.
ލިޓަސް ކުންފުންޏަކީ ސ. ފޭދޫއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ މުހައްމަދު ޒާހިދުގެ ކުންފުންޏެކެވެ. ލިޓަސް މޯލްޑިވްސްގެ ދަށުން ހިންގާ ލިޓަސް އޮޓޯ މޮބައިލްސްއަކީ މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ވެސް ފިހާރަ ހުޅުވައިގެން ގިނަ އަދަދަކަށް ސައިކަލް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެކި ސްކީމްތައް މެދުވެރިކޮށް ވެސް އެ ކުންފުނިން ސައިކަލް ވިއްކަ އެވެ. އެކަމަކު ސައިކަލާއި ބައެއް ސައިކަލްތަކުގެ ރަޖިސްޓްރީ ވެސް ނުލިބި ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ޝަކުވާކުރެ އެވެ. އަދި އެ މައްސަލަ ބޮޑުވެ، ބައެއް މީހުން ފުލުހަށް ވެސް މައްސަލަ ހުށަހަޅާފައިވެ އެވެ. ސައިކަލް ގަންނަ އިރު، އެތަނުން ދޭ މުއްދަތު ފަހަނައަޅައި ގޮސް، ބައެއް މީހުންނަށް ސައިކަލާއި ރަޖިސްޓްރީ ނުލިބި އަހަރެއްހާ ދުވަސްވެފައިވާ ކަމަށް ބުނެ އެ ކުންފުނީގެ ފޭސްބުކް ޕޭޖްގައި އެތައް ބަޔަކު ކޮމެންޓްކުރެ އެވެ.
ވިހި ރަށެއްގައި ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކާއި ތަކެތި ހޯދުމަށް ބޭނުންވާ ޕްރޮކިއުމަންޓް މަސައްކަތް ކުރުމަށް ލިޓަސް އޮޓޯ މޯބައިލް ކުންފުންޏާއި ހަވާލުކުރީ 40،465،000 ރުފިޔާ އަށެވެ. ލިޓަސް ކުންފުންޏާ ހަވާލުކުރީ ޖުމުލަ ފަސް މަޝްރޫއު އެވެ. ލިސްޓްގައި ވާގޮތުން ފަސް މަޝްރޫއު ހަވާލުކޮށްފައި ވަނީ ކޮންމެ މަޝްރޫއަކަށް 123،839،501.00ރ. އެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ މައުލޫމާތު ފެންނަން ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުން ލިޓަސް އޮޓޯ މޯބައިލްއަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި ބައިސްކަލާއި، އޮޓޯ ބައިކް އަދި ޓޯއީސް ފަދަ ތަކެތި ގެންނަ ކުންފުންޏެކެވެ.
ބިޑަކާ ނުލައި ބަހާލި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ. އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާގެ 52 މަޝްރޫއުއެއްގައި ސޮއިކުރިއިރު، މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުސް ޕޯސްޓާއި މަރުކަޒުތައް ހިމެނޭ ގޮތަށް ޖުމުލަ 39 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރިއިރު، މަޝްރޫއުތަކުގެ ޖުމްލަ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބެނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏަށް 285.7 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރިއިރު، ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްއަށް 171.3 މިލިއަން ރުފިޔާ، އަލާފް ޕްރައިވެޓް ލިމިޓެޑްއަށް 159.6 މިލިއަން ރުފިޔާ އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއަށް 157.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކުރި އެވެ.
ލޯތްބަށްޓަކައި ހުސްފަޔާ ހިނގި ކަމަށް ފަރާ ބުނެފި
މައިކަލްގެ ބައޮޕިކް ފިލްމުގައި އޭނާގެ ކޮއްކޮ!
ޖަލްސާއަށް ކޮންމެ މިނިސްޓަރަކު 100 މީހުން ހޯދަން މަޖުބޫރުކޮށްފި