ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި ދެ ފަހަރެއްގެ މަތިން ސިނގިރޭޓް ކާޓޫންތަކެއް ގެއްލުނު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ގާނޫނާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓޫން ސިނގިރޭޓް ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓައި އޭގެތެރެއިން ހަ ކާޓޫން ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓްތަކެކެވެ.

އޭގެތެރެއިން ހަ ކާޓޫން މަދުކަން އެނގުނީ އެތަކެތި ކަސްޓަމްސްއާ ހަވާލުކުރަން މި މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ބަލަމުން ދަނިކޮށް މިިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓް މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަަތަކާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޓް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.