ގްރޫޕަކުން ރ. މަޑުއްވަރީގައި ރޭޕް ކުރިކަމަށް ބުުނާ އަންހެން ކުއްޖާގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރާ ޓީޗަރަކު ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.

ސަސްޕެންޑް ކޮށްފައި ވަނީ މަޑުއްވަރީއަށް ނިސްބަތްވާ އެ ރަށު ސްކޫލުގެ ޓީޗަރު މުއީން ހަސަނެވެ. މުއީން ހަސަން އަކީ މަތީ ގުރޭޑްތަކަށް ކިޔަވައިދޭ ޓީޗަރެކެވެ. އަދި ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ވެސް ކިޔަވައިދޭ ޓީޗަރެކެވެ.

މުއީން ހަސަން ސަސްޕެންޑްކުރީ ރޯދަމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

އަހްމަދު ވިދާޅުވީ، މަޑުއްވަރީ ސުކޫލުގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ފަރާތުން ގިނަ މައްސަލަތަކެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. . އެކަމަކު އެއީ ކޮން ކަހަލަ ޝަކުވާ ތަކެއް ކަމާއިި ބަލަނީ ކޮން ކަހަލަ މައްސަލައެއް ކަމެއް ވެސް އަހްމަދު ވިދާޅެއްނުވެ އެވެ.

މަޑުއްވަރީގައި ހިގިކަމަށް ބުނާ ރޭޕް ކޭސްގައި ފުލުހަކު ވެސް ބައިވެރިވާކަމަށް ތުުހުމަތުކުރެވެ އެވެ. ނަމަވެސް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން ފުލުހެއްގެ ބައިވެރިވުން ފެންނަން ނެތް ކަމަށެވެ.

ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައި ވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެންނެވެ. ކުއްޖާ އެތަނަށް ގެންދިޔައީ ސަސްޕެންޑް ކޮށްފައި ހުރި ޓީޗަރު ކަމަށް އެރަށު މީހުން ބުނެ އެވެ. ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި، ޖެންޑާ މިނިސްޓްރީއާއި، ފުލުހުންގެ އިދާރާ އިން ވެސް ގެންދަނީ ބަލަމުންނެވެ. ރޭޕްގެ އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެ އެވެ.