ފުލުހުންގެ މުއައްސަސާ އަކީ ގައުމާއި ދިވެހި ރައްޔިތުންގެ ހިދުމަތުގައި އިތުބާރާ އެކު އަބަދުވެސް ދެމި އޮންނާނެ މުައްސަސާއެއް ކަމަށާއި އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާއިރު، ގިނަ ބަޔަކު ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުބާރު މުޅިން ގެއްލިފައިވާ ކަމަށް މިއަދު ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ، ގަވައިދާ ހިލާފަށް އެތެރެކުރި ކަމަށް ތުހުމަތުކުރެވިގެން ވިލިމާލެ ޕޮލިސް ސްޓޭޝަންފެ ބެލުމުގެ ދަށުގައި ހުރި 32 ކާޓަންގެ ތެރެއިން ހަ ކާޓަން ސިނގިރޭޓު ވަނީ ގެއްލިފަ އެވެ.

އެ ތަކެތި ގެއްލިފައިވާކަން ފުލުހުންނަށް އެނގުނީ، މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި، 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ ކާޓަންތައް ވެސް ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.

އެ މައްސަލަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ދެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.

އެގޮތުން، އެ މުއައްސަސާގެ އަހްލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ޚިލާފު އެފަދަ ކޮންމެ ކަމަކީ ތަހުގީގު ކުރުމަށް ފަހުގައި، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމެއް ކަށް ބުނެ، އެ ބަޔާނުގައި ވަނީ، އެ ކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަޚުލާގާއި މަސައްކަތުގެ ރޫހާ ހިލާފު ކަންކަމުގެ ގޮތުގައި ސިފަކޮށްފަ އެވެ.

މި ކަމުގައި ބައިވެރިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން އެ ހިދުމަތުން ކުރާނަން ކަމަށް ފޔުލުހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އަދި އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުލުހުންގެ ޚިދުމަތުން ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެ އެވެ.

އޭގެއިތުރަށް، އެ މުއައްސަސާގެ ހިދުމަތްތައް ބައްޓަން ކުރަމުން ދަނީ، ހުރިހާ ފުލުހުންނަކީ ނަޒާހަތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކީ ދެމިތިބެ އިޚުލާސްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމުގެ އަމާޒުގައިކަން ބަޔާނުގައި ފާހަގަކުރި އެވެ.

ފުލުހުން އެ ފަދައިން ބުނިއިރު، ސިނގިރޭޓު ވަގަށް އެތެރެކުރުމާއި، ވަގަށް ނެގުމުގެ ބޮޑެތި މައްސަލަތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ.

އޭގެ ތެރޭގައި، ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ހިމެނެއެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ދެ މުއައްސަސާގައި މަސައްކަތް ކުރާ މީހުން ހިމެނެ އެވެ.

އޭގެ އިތުރުން، ސެޕްޓެމްބަރު 15، 2019ގައި މައްސަލައަކާ ގުޅިގެން ފުލުހުން ހިފެހެއްޓި 30،000 ޑޮލަރު ގެއްލުނު މައްސަލައެއްވެސް އެ މުއައްސަސާއިން ތަހުގީގު ކުރަމުންދެއެވެ. އެ ފައިސާ ގެއްލުނުކަން ފުލުހުން ހާމަކުރީ މިދިޔަ އޮގަސްޓު މަހުގެ 14ވަނަ ދުވަހެވެ. ނަމަވެސް، އެ ފައިސާތަކަށް ވީ ގޮތް މިހާތަނަށް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.