ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަތޮޅުތަކާއި ރަށްތަކުގެ ބާރު ސަރުކާރުން ފޭރިގަނެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މި ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން ރަށު ކައުންސިލްގެ ހުއްދަ ނެތި ސަރުކާރަށް މަޝްރޫއުތައް ހިންގޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ގެނައި އިސްލާހުގައި ސަރުކާރުން މަޝްރޫއެއް ހިންގުމަށް ކައުންސިލުން އެކަށީގެންވާ މުއްދަތެއްގައި ހުއްދަ ނުދީފި ނަމަ މަޝްރޫއުތައް ހިންގޭނެ ކަމަށް ބުނެފައިވެ އެވެ.

ރޭ ޕީއެންއެފުން ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް ސަރުކާރުން ދަނީ ބާރުތައް ޖަމާކުރަމުން ކަމަށެވެ. މާލެ އާއި ރައީސް އޮފީހުން ހުރިހާ ކަމެއް ނިންމާޒަމާން މާޒީވެ ގޮސްފައި އޮއްވައި މި ސަރުކާރުން ރަށްރަށާއި އަތޮޅުތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުން ދާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރަށްރަށުން ބިން ދޫކުރަންވީ ގޮތް ނިންމާނީ މާލެއިން ނޫންކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މަޖިލީހަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަތޮޅު ކައުންސިލް އުވާލުމުން ސަރުކާރުން ފޭރިގަތީ އަތޮޅުތަކަށް ގާނޫނުންނާއި ގާނޫނުއަސާސީން ދީފައިވާ ބާރުތައް އެކަންޏެއް ނޫން. ސަރުކާރުން އެ އުޅެނީ އަތޮޅުގެ އެތެރެވަރީގައި ހުރި ފަޅުރަށްރަށުގެ ބިން ވެސް ފޭރެން ވެގެން" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމަކީ އެމަނިކުފާނު ވަރަށް ދެކޮޅު ކަމެއް ކަމަށެވެ.

ސަރުކާރުން ހުށަހަޅި ބިލު ފާސްކުރުމުން ކައުންސިލްގެ ބަހެއް ނެތި، ސިޓީސް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު ރަށްރަށުގެ ބިންތަކުގައި މަޝްރޫއޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންވެ އެވެ.