ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ފިލްމު "އެވެޓާ: ފަޔާ އެންޑް އޭޝަސް"އަށް ގިނަ ބައެއްގެ ތައުރީފު އޮހެމުން އެބަދެ އެވެ.

މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވި މި ފިލްމުގެ ވޯލްޑް ޕްރިމިއާ ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު ލޮސް އެންޖެލަސްގެ ޑޮލްބީ ތިއޭޓަރުގަ އެވެ.

ޕްރިމިއާއަށްފަހު އެ ފިލްމަކީ އެވެޓާ ފްރެންޗައިޒްގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް ނެރެފައިވާ އެންމެ ފެންވަރު ރަނގަޅު ފިލްމު ކަމަށް ފިލްމު ބެލި ގިނަ މީހުން ދަނީ ބުނަމުންނެވެ.

އެގޮތުން އެ ފިލްމަކީ ޑައިރެކްޓަރު ޖޭމްސް ކެމަރޫންގެ ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ފުރިހަމަ ފިލްމުގެ ގޮތުގައި އެ މީހުން ސިފަ ކުރެ އެވެ.

ފިލްމުގެ ޕްރިމިއާގެ ކުރިން ކެމަރޫން ބުނެފައިވަނީ މި ފިލްމަކީ 1997 ވަނަ އަހަރު ނެރުނު އޭނާގެ ފިލްމު "ޓައިޓޭނިކް"އިން ބެލުންތެރިންގެ ހިތްތައް ހަލާކު ކޮށްލި ފަދަ އަސަރެއް ކުރުވާނެ ފިލްމެއް ކަމަށެވެ.

"އެވެޓާ: ފަޔާ އެންޑް އޭޝަސް"ގެ ވޯލްޑް ޕްރިމިއާ ބާއްވާފައިވާއިރު އާއްމު ސިނަމާތަކުގައި އެ ފިލްމު އަޅުވަން ހަމަޖެހިފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.