ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުރި 787 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލެ ފޭސް1 އަދި 2ގައި ގަވައިދާއި ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް ފަސް ދުވަހުގެ މުއްދަތަށް ފުލުހުން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ތެރެއިން 787 ވެހިކަލް ޓޯކޮށްފައިވާއިރު، އޭގެތެރޭގައި ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދު ހިމެނެ އެވެ.

މީގެ އިތުރުން ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތިގެން 186 އުޅަނދު ޓޯކޮށްފައިވާއިރު، މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރުމުން 349 އުޅަނދު ވެސް ވަނީ ޓޯކޮށްފަ އެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔައީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ކަމަށް ފުލުހުން ބުންޏެވެ.

"ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމަށް ކުރި މަސައްކަތް ނިންމާލައިފި. މި މަސައްކަތުގައި ހުޅުމާލެ ފޭސް 1 އަދި 2 އިން ޖުމްލަ 787 އުޅަނދެއް ޓޯވކޮށްފައިވޭ." ފުލުހުން ބުންޏެވެ

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް އައިސްފައިވާ ހިތްފަސޭހަކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ކުރިއަށްގެންދިޔަ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ބައިވެރިވި އެވެ.