ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ އެކި ކުންފުނިތަކުގެ އަތުން އޮޅުވާލައިގެން މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. އެއީ މަކަރާއި ހީލަތް ހެދުމާއި މަނީލޯންޑްރިންގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާތަކެވެ.
އެ ހުރިހާ ދައުވާތަކުގެ އަދަބު ކްރިމިނަލް ކޯޓުން މިއަދު ކަނޑައެޅިއިރު 109 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ވެސް ޝިފާއުގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން ޝިފާއު އޮޅުވާލައިގެން ހޯދި މުދަލުގެ ބަދަލު ހަ މަސް ތެރޭގައި ދޭން އެންގި އެވެ.
އެ މައްސަލާގައި ޝިފާއު ހައްޔަރު ކުރުމަށް ފަހު 2023 ވަނަ އަހަރު ބަންދުން ދޫކޮށްލުމުން އޭނާ ރާއްޖެ އިން ބޭރަށް ފިލައިގެން ގޮސްފައި ވަނިކޮށް އޭނާ އަލުން ހައްޔަރުކުރީ އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމުން އޭނާ އެނބުރި ރާއްޖެ އައުމުންނެވެ.
ޝިފާއުގެ މައްސަލަ ކޯޓުގައި އޮއްވާ އޭނާއަށް މި ސަރުކާރުގައި ސިޔާސީ މަގާމަކަށް އައްޔަން ކުރުމުން ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އޭނާ އެ މަގާމުން ވަކިކުރި އެވެ.
ޝިފާއުގެ އަދަބު ލުއިކުރަން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހެދި ނަމަވެސް އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
ދިރާގު ނެޓްޕްރޮޓެކްޓުން ސްކޭމްތަކުން ރައްކާތެރިކޮށްދޭ
ރޭގަނޑު 12ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަނީ
އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ