ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާ، ވިޔަފާރިވެރިޔާ ރާޖް ކުންދްރާގެ މައްޗަށް ކުރެވިފައިވާ ކަމަށް ބުނާ މަކަރާއި ހީލަތުގެ ދައުވާއަށް ޝިލްޕާ އެންމެ ފަހުން ރައްދު ދީފި އެވެ.

މިފަހުން ޝިލްޕާ އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގެ ތެރެއަށް އޭނާ ވައްދަން ކުރާ މަސައްކަތްތަކަކަކީ އެއްވެސް އަސާސެއް ނެތް މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން އެ ކުންފުންޏާއި އޭނާއާ އޮތް ގުޅުމަކީ ކުންފުނީގެ ހިންގުމާ ގުޅޭ ކަމެއް ނޫން ކަމަށާއި އެ ކުންފުނީގެ އޮޕަރޭޝަނަލް ހިންގުމާއި މާލީ ހިންގުމުގައި ވެސް އޭނާ އެއްވެސް ދައުރެއް އަދާކޮށްފައި ނުވާނެ ކަމަށް ޝިލްޕާ ބުންޏެވެ.

އެ ބަޔާނުގައި ޝިލްޕާ ވަނީ އޭނާގެ މައްޗަށް ނުހައްގު ކުށެއް ސާބިތު ކުރަން ކުރަމުން އަންނަ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.

ޝިލްޕާ އިތުރަށް ބުނެފައިވަނީ ބްރޭންޑް އެންޑޯޒްމަންޓްއަށް އޭނާއަށް ލިބެންޖެހޭ ފައިސާ އެ ކުންފުނީގެ ފަރާތުން އަދިވެސް އޭނާއަށް ނުލިބޭ ކަމަށެވެ.

ޝިލްޕާގެ ފަރާތުން ބަޔާނެއް ނެރެފައިވައި މިވަނީ އޭނާއަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް އޭނާގެ ވަކީލުންގެ ޓީމުން ވެސް ބަޔާނެއް ނެރެފައި ވަނިކޮށެވެ.

60 ކްރޯޑް ރުޕީސްގެ މަނީ ލޯންޑަރިންއާއި މަކަރާއި ހީލަތުގެ މައްސަލައެއްގައި ޝިލްޕާގެ ދެމަފިރިންގެ ނަން ބެދިފައިވާއިރު އެ ދެމީހުން އަންނަނީ އެކަމުން ސަލާމަތްވާން މަސައްކަތް ކުރަމުންނެވެ.