ދިއްލީ (23 އޭޕްރިލް) - އިންޑިއާގެ ހޮސްޕިޓަލުތަކުގައި އޮކްސިޖަން މަދުވެ، އޮކްސިޖަން އުފުލާ ޓޭންކުތަކަށް ފުލުހުން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ގިނަ ބަޔަކު ހޮސްޕިޓަލުތަކުގައި އެނދުމަތިކުރުމުގެ ސަބަބުން އޮކްސިޖަން ލިބުމުގައި ދަތި ތަކެއް ކުރިމަތިވެ، ބަލިމީހުންނަށް އެދެވިގެންވާ ފަރުވާ ދެވެމުން ނުދާ ކަމަށް ހޮސްޕިޓަލުތަކުން ދަނީ ބުނަމުންނެވެ.

ދިއްލީގެ ހޮސްޕިޓަލްތަކަށް އޮކްސިޖަން ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ އިނޮކްސް އިން ބުނީ އޮކްސިޖަން އަޓް އޮންނަ ޑިމާންޑް ބޮޑުވެ އޮކްސިޖަން ހޯދުމަށް ގިނަ ހޮސްޕިޓަލްތަކަކުން ކިޔޫ ހަދާފައިވާ ކަމަށެވެ.

ބައެއް ހޮސްޕިޓަލުތަކުން ތިން ދުވަހަށް ވުރެ ގިނައިން އޮކްސިޖަން ކިޔޫގައި މަޑުކޮށްގެން ތިބިއިރު، އެ ހޮސްޕިޓަލުތަކުގެ ޑްރައިވަރުން ބުނާގޮތުގައި ކުރިން ބޭނުންވާ ވަރަށް ވުރެ ދެގުނަ ނުވަތަ ތިން ގުނަ އިތުރަށް މިހާރު ހޮސްޕިޓަލްތަކަށް ބޭނުންވާ ކަމަށެވެ.

ކަންތައް މިހެން އޮތުމުން އިންޑިއާގެ ފުލުހުން ވަނީ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި ހޮސްޕިޓަލްތަކަށް އޮކްސިޖަން އުފުލާ ޓޭންކްތަކަށް ފުލުހުންގެ ސެކިއުރިޓީ ދޭން ނިންމާފަ އެވެ. މި ސަބަބަށްޓަކައި އިނޮކްސް ކުންފުނީގައި ފުލުހުން ދަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރި ވަމުންނެވެ.

އިންޑިއާގައި ފާއިތުވެ ދިޔަ ހުކުރު ދުވަހު ރެކޯޑްކުރި ކޭސްތަކުގެ އަދަދަކީ ދުނިޔޭގައި ވެސް މިހާތަނަށް ދުވާލެއްގެ މައްޗަށް ކޮވިޑް ކޭސްތައް ރެކޯޑް ކުރި އެންމެ ބޮޑު އަދަދެވެ. -- ރޮއިޓާސް