މާތް ﷲގެ އިރާދަފުޅާއެކު ކެރިއަރުގައި 1000 ގޯލު ހަމަ ކުރާނެ ކަމަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ގްލޯބަލް ސޮކާ އެވޯޑުގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ މާތް ﷲގެ އިސްމުފުޅު ގަނެ އެ އިލާހުގެ އިރާދަފުޅާއެކު އަދިވެސް ކާމިޔާބީތައް ހޯދާނެ ކަމަށް ބުނެފަ އެވެ.

"އަހަރެން ބޭނުންވަނީ އަދިވެސް ގިނަ ޓްރޮފީތައް ހޯދަން. އިތުރު އަނިޔާއެއް ނުވެ ސިއްހަތު ސަލާމަތުން ހުރިނަމަ ކެރިއަރުގައި 1000 ގޯލު ހަަމަ ކުރާނަން. އިންޝާﷲ" ރޮނާލްޑޯ ބުންޏެވެ.

ސައޫދީ އަރަބިއާގެ އަލް ނަސްރު ޓީމަށް ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 956 ގޯލު ޖަހާފަ އެވެ. 1000 ގޯލު ހަމަކުރަން އޭނާއަށް ދެން ބޭނުންވަނީ 44 ގޯލެވެ.

މިވަގުތު ވެސް ސައޫދީ ލީގުގެ ޓޮޕް ސްކްރޯރާގެ ގޮތުގައި ހުރި ރޮނާލްޑޯ ވަނީ މިހާތަނަށް އެ ލީގުގައި މިއަހަރު ކުޅުނު 10 މެޗުން 12 ގޯލު ޖަހާފަ އެވެ.

މިއީ ރޮނާލްޑޯ މާތް ﷲގެ އިސްމުފުޅު ގަތް ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް މާތް ﷲގެ އިރާދަފުޅާއެކު ކަންކަން ކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިއީ މެދުއިރުމަތީގެ ގައުމެއްގައި ދިރިއުޅޭތީ ކުރާ އަސަރު ކަމަށް ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ރޮނާލްޑޯއަކީ މުސްލިމެކެވެ.