ލޮލުގެ ފެނުމުން މަހުރޫމްވެ އާމްދަނީއެއް ނުލިބި ދަތި ހާލުގައި ދިރިއުޅުއްވަމުން ގެންދަވާ އައްޝައިޚް މުހައްމަދު އިބްރާހީމަށް އިސްލާމިކް މިނިސްޓްރީން ވަޒީފާ ހަމަޖައްސައިފި އެވެ.

ޝައިޚް މުހައްމަދު އިބްރާހީމް މިހާތަނަށް ހުންނެވީ ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރު ކަމުގެ މަގާމުގަ އެވެ. ލޮލުގެ ފެނުން ގެއްލި ނޯޕޭލީވްގައި ޝައިޚް ހުންނަވާތާ ހަތަރު އަހަރު ވެއްޖެ އެވެ. އެކަމުގެ ސަބަބުން މާލީގޮތުން ވެސް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވެ އެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސިވިލް ސާވިސް ކޮމިޝަނާ ވާހަކަދައްކައިގެން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޝެއިޚް މުހައްމަދު އިބްރާހީމްގެ ވަޒީފާ އެ މިނިސްޓްރީއަށް ބަދަލުކުރައްވާފަ އެވެ.

ޝެއިޚް މުހައްމަދު އިބްރާހީމް ހަމަޖެއްސީ އެ މިނިސްޓްރީގެ 'ދައުވާ އެންޑް ގައިޑެންސް ސެކްޝަން'ގެ ވާއިޒު މުޝްރިކްގެ މަގާމަށެވެ.

މިއީ ޕަބްލިކް ސާވިސް ރޭންކު ހަތެއްގެ ވަޒީފާއެކެވެ. އެ މަގާމުގެ އަސާސީ މުސާރަ އަކީ 14،225 ރުފިޔާއެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި 6،640 ރުފިޔާ ލިބެއެވެ. އަދި ހާޒިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 180 ރުފިޔާ ލިބޭނެއެވެ.

"ލޮލުގެ ފެނުން ދިޔަފަހުން ވެސް އެބޭފުޅާ ގެންދަވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވަމުން. އެހެންވެ މިނިސްޓްރީން ބޭނުންވީ އެފަދަ ޚިދުމަތްތެރި ބޭފުޅެއްގެ ބޭނުން ހިފޭނެ ގޮތެއް ހަމަޖައްސަން،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޝައިޚް މުހައްމަދު އިބްރާހީމަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ވަރަށް މޮޅު ދީނީ އިލްމުވެރިޔެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ޝައިޚް ދާދިފަހަކާ ޖެހެންދެން ވެސް ގެންދެވީ ދީނީގޮތުން އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ގިނަ ބައެއްްގެ ދީލަތި އެހީތެރިކަމާއެކު ޝައިޚްގެ ލޮލުގެ ފަރުވާއަށް މިވަގުތު ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފަ އެވެ.