ނިމިދިޔަ ޑިސެމްބަރު މަހު ތަސްދީގު ކުރެއްވި ޒަކާތުގެ ގާނޫނަށް މިއަދު އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކޮށްފި އެވެ.
2023 ވަނަ އަހަރު ރައީސްގެ ގަރާރަކުން ވަނީ ޒަކާތު ހައުސް އުފައްދަވާފަ އެވެ. ނަމަވެސް މިއަދު ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުރީގައި އުފެއްދެވި ޒަކާތު ހައުސް ވަނީ އުވާލައިފަ އެވެ.
އިސްލާމިކް މިންޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި އުފެއްދި ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި، ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުން ހިމެނެ އެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް އެ އިދާރާއިން ކުރާނެ އެވެ.
ޒަކާތުގެ ބިލު އެކުލަވާލާފައިވަނީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަގުސަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށް ޓަކައި އެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޝަރުއީ ގޮތުން ލާޒިމް ޒަކާތް ދިނުން ވަނީ ގާނޫނީ ގޮތުންވެސް ލާޒިމްކޮށްފަ އެވެ.
އެ ގާނޫނުގައި ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި، ޒަކާތް ދެއްކުން ނޫން ލާޒިމް މީހެއްގެ އަތުން ނެގުމާއި ޒަކާތް ދެއްކުން ލާޒިމުނުވާ މުދަލަކުން ނެގުން ހިމެނެ އެވެ. އަދި ޒަކާތު ފައިސާ ހައްގު ނޫން ގޮތުގައި ބެހުމާއި އިންވެސްޓުކުރުން ވެސް ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ ތެރެއިން ކުށެއް ކޮށްފި ނަމަ 1،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައިވެއެވެ.
އާ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށްފި