މުސްލިމު, ޒުވާން އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވަނީ މިދިޔަ ބުދަ ދުވަހު ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން ހުންނަން ޖެހޭ ގޮތަށް ބަދަލުގެނެސް އެ ގަވައިދު އާންމުވެސް ކޮށްފަ އެވެ.
އެ ގަވައިދުގައި، އަންހެން ސިވިލް ސާވަންޓުން ހެދުން އެޅުމުގެ މިންގަނޑުތައް ވަނީ ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ. މިގޮތުން، އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ކަރުވަޅާއި، ބުޑު ނިވާވާ ގޮތަށް ކަމަށް ބުނެފައިވެ އެވެ. އަދި، އަންހެން މުވައްޒަފުން އިސްތަށިގަނޑުގައި ކުލަ ޖެއްސުން މަނާކޮށްފައިވެ އެވެ.
އެ ގަވައިދަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށެވެ. ނަމަވެސް، އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަޝީދު އެ ފަދައިން ވިދާޅުވިއިރު، އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިގޮތުން، ހަމައެކަނި އަންހެން ސިވިލް ސާވަންޓުންނަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމަކީ، މުވައްޒަފުންގެ އަޚުލާގާ ގުޅޭ އުސޫލެއް ނޫން ކަމަށާއި ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގޭކަން އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި، އެ އުސޫލުތައް އުވާލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މަޖިލިސް އާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ހުށަހަޅައިފި