އިންޑިއާގެ އެންމެ މަގުބޫލު އެއް ޝޯ ކަމަށްވާ "ކޯން ބަނޭގާ ކްރޯޑްޕަތީ" ހުށައަޅައިދެމުން އައި އަމީތާބު ބައްޗަން 25 އަހަރަށްފަހު އެ ޝޯ ދޫކޮށްލައިފި އެވެ.

އެ ޝޯގެ 17 ވަނަ ސީޒަންގެ ފިނާލޭ މިދިޔަ ހުކުރު ދުވަހު ދައްކާފައިވާއިރު އެ ޝޯގައި އަމީތާބު ވަނީ ޝޯގެ ހޮސްޓިންއަށް އަލްވަދާއު ކިޔަމުން އަސަރުގަދަ މެސެޖެއް ދީފަ އެވެ.

އަމީތާބު ބުނީ އޭނާގެ ހަޔާތުގެ ތިންބައިކުޅަ އެއްބައި ހޭދަވީ އެ ޝޯ ހުށައެޅުމުގައި ކަމަށާއި އެ ޝޯއާ އޭނާގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށެވެ.

"ހުރިހާ ކަމެއް ވެސް ވީ އިއްޔެ ވީ ކަމެއް ހެން. މިއަދު މި ޝޯ ހުށައަޅައިދެނީ އެންމެ ފަހު ފަހަރު. ތި އެންމެންނާއެކު ވަގުތު ހޭދަކުރަން ލިބުމަކީ އަހަންނަށް ލިބުނު ޝަރަފެއް" އަމީތާބު ބުންޏެވެ.

އަމީތާބް ކޯން ބަނޭގާ ކްރޯޑްޕަތީ ދޫކޮށްލަން ނިންމި ސީދާ ސަބަބެއް ނޭނގުނު ނަމަވެސް ހަބަރުތައް ބުނާ ގޮތުގައި އެ ނިންމުމުގެ ފަހަތުގައި ވަނީ އޭނާގެ ޒާތީ ސަބަބުތަކެކެވެ.

ކުރިއަށް އޮތް ސީޒަންގެ ހޮސްޓެއްގެ ގޮތުގައި އަމީތާބު ނުފެންނައިރު ޕްރޮޑިއުސަރުން އަންނަނީ މަޝްހޫރު ތަރި ސަލްމާން ޚާން އެ ގޮނޑިއަށް ގެންނަން މަސައްކަތް ކުރަމުންނެވެ.