މިފަހުން ރިލީޒްކުރި ރަންވީރު ސިންހްގެ ފިލްމު "ދުރަންދަރު" ވެގެން ގޮސްފައިވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ވެސް ފެނިގެންދިޔަ އެންމެ ކާމިޔާބު ފިލްމަށެވެ.

"ދުރަންދަރް" އަދިވެސް ސިނަމާތަކުގައި ދައްކަމުން އަންނައިރު އެ ފިލްމުން ވަނީ މިހާތަނަށް ވެސް ބޮލީވުޑްގެ މައިގަނޑު ފަސް ރެކޯޑެއް މުގުރާލާފައި ކަމަށް ހަބަރުތައް ބުނެ އެވެ.

ދުނިޔެއިން ވެސް އެންމެ ބޮޑު އާމްދަނީއެއް!

މުޅި ދުނިޔެއިން އެ ފިލްމަށް ލިބުނު 1167 ކްރޯޑް ރުޕީސްއަކީ ހިންދީ ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ. އެންމެ ގާތުން ވެސް އެ ފިލްމާ ވާދަކުރަނީ 1080 ކްރޯޑްއާއެކު ޝާހްރުކް ޚާންގެ "ޖަވާން" އެވެ.

ލަސް ފެށުމަކާއެކު ވެސް އެންމެ ކުރިއަށް!

ހަބަރުތައް ބުނާ ގޮތުގައި "ދުރަންދަރް" އެންމެ ފުރަތަމަ ރިލީޒްކުރި ދުވަހު އެ ފިލްމަށް ލިބުނީ ފިނި ތަރުހީބެކެވެ. 40 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ފުރަތަމަ ދުވަހު ލިބުނުއިރު އެ ފިލްމަށް 100 ކްރޯޑް ލިބުނީ ހަތަރުވަނަ ހަފްތާގަ އެވެ. އެހެން ނަމަވެސް އިސާހިތަކު އެ ފިލްމު ވަނީ ކުރިއަރައިގެން ގޮސްފަ އެވެ.

އިންޑިއާއިން އެންމެ ބޮޑު އާމްދަނީއެއް!

ޖެނުއަރީ 2ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާއިން އެކަނިވެސް އެ ފިލްމަށް 747 ކްރޯޑް ރުޕީސް ލިބުނުއިރު މިއީ އެ ގައުމުގައި 700 ކްރޯޑްއަށްވުރެ ގިނައިން ފިލްމަކަށް އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

މަހެއް ވަންދެން ބަދަލެއް ނާދޭ!

ބޮކްސް އޮފީސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި "ދުރަންދަރް"އަށް 28 ދުވަސް ވަންދެން ދެ އަދަދުގެ ނަމްބަރުތަކުން އާމްދަނީ ލިބިފައިވެ އެވެ. އެއީ މެދުނުކެނޑި 28 ދުވަސް ވަންދެން ކޮންމެ ދުވަހަކު ވެސް 10 ކްރޯޑްއާއި 99 ކްރޯޑްއާ ދެމެދުގެ އާމްދަނީ އެކެވެ.

"ބުކްމައިޝޯ"ގައި ބޮލީވުޑްގެ އެއްވަނަ!

"ދުރަންދަރް" ރިލީޒް ކުރިތާ ހަތަރުވަނަ ހަފްތާ ފެށިގެން އައިއިރު އެ ފިލްމު ވެފައިވަނީ މަޝްހޫރު ޓިކެޓިން ޕްލެޓްފޯމް "ބުކްމައިޝޯ"ގައި އެންމެ ގިނައިން ވިކޭ ބޮލީވުޑް ފިލްމަށެވެ.