ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހުގެންނަން މަޖިލީހަށް ބިލެއް ހުށަހެޅުމާއި ގުޅިގެން މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި އެވެ.

އޭނާ ވިދާޅުވީ ހަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް ކަމަށާއި ވޯޓާ ގުޅުންހުރި ކަންކަމުގައި "ހަރަދު ކުޑަކުރަން"، ކުރަން މި އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރިކަމަށެވެ.

ފައްޔާޒު ވިދާޅުވީ މަޖިލިސް އިންތިހާބަކީ ސަރުކާރަށް ފާރަވެރިވެ ގާނޫނު ހަދާ އެންމެމަތީ ބާރަށް މަންދޫބުން ހޮވާ އިންތިހާބު ކަމަށާއި ރައްޔިތުންގެ ބާރުވެރިކަން މަޖިލީހުގައި ބާއްވައި ކޮލިޓީ މެންބަރުން އިންތިހާބުކުރަން އާބާދީ ބޮޑުކޮށް އަތޮޅުތަކަށް މެންބަރުން ހޮވަންވީ ކަމަށެވެ. އަދި 5،000 އާބާދީއަކަށް ދާއިރާއެއް އޮންނަ އުސޫލު އުވާލުން ރަނގަޅު ކަމަށެވެ.

ޗެކްސް އެންޑް ބެލެންސް ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭނެ ހެޔޮ ނިޔަތެއް އޮތްނަމަ، މަޖިލިސް އިންތިހާބު ސްޓެގަރކޮށް، ދެ ބަޔަކަށް ބަހާލައި، ރިޔާސީ އިންތިހާބާއެކު ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުން އިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެއީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭނެ ފުރުސަތެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަރަދު ކުޑަކުރަން އިންތިހާބުތައް އެއްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ސާފު. ހެޔޮ ނިޔަތުގައި ހަރަދު ކުޑަކުރާނަމަ ރިޔާސީ އިންތިހާބައި ކައުންސިލް އިންތިހާބު އެއްކުރަން ޖެހޭ. އެ ދެ އިންތިހާބަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށް ގައުމާއި ރަށު ލެވެލްގައި ނެގޭ ވޯޓެއް" ފައްޔާޒުގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.

މަޖިލިސް ޗުއްޓީގައި ކުއްލިއަކަށް މެންބަރުން އެއްކޮށް، ދައުރުން ބޭރުން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭން ވާނެކަމަށެވެ. އަދި ބަހުސްގައި މަތީގައި ލިޔެވިދިޔަފަދަ އިތުރު އޮޕްޝަންތައް ރައްޔިތުންނާ ހިސާބަށް ގެންދަން ރައީސް މުއިޒުއަށް ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ކުއްލި ގޮތަކަށް ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް މާދަމާ ހެނދުނު 9:00 އަށް ވަނީ ތާވަލްކޮށްފައި އެވެ.