ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދްރާގެ އެންމެ ފަހު ފިލްމު "އިއްކީސް"އަށް އިންޑިއާގެ ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބެމުން އެބަދެ އެވެ.

ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމުގެ އެންމެ ފުރަތަމަ ހަފްތާ ބަންދު ނިމުނުއިރު އެ ފިލްމަށް ޖުމްލަ 19.83 ކްރޯޑް ލިބިފައިވެ އެވެ.

މި ފިލްމަކީ މީގެ މަހެއްހާ ދުވަސް ކުރިން މަރުވި ދަރްމެންދްރާ އޭނާގެ ހަޔާތުގައި ކުޅުނު އެންމެ ފަހު ފިލްމެވެ. އެހެން ކަމުން އެ ފިލްމު ވެގެން ގޮސްފައިވަނީ އޭނާގެ ސަޕޯޓަރުންނަށް ހާއްސަ ފިލްމަކަށެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "އިއްކީސް"ގެ ލީޑު ރޯލުން ފެނިގެންދާނީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ އަގަސްތުޔާ ނަންދާ އެވެ.

އަގަސްތުޔާގެ މަންމަ ފަރާތުގެ ކާފައަކީ ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަން އެވެ. އެއާއެކު ބައްޕަ ފަރާތުން އޭނާގެ މުނިކާފައަކީ ބޮލީވުޑް ލެޖެންޑް ރާޖް ކަޕޫރެވެ.

"އިއްކީސް"އަކީ އިންޑިއާގައި ދެވޭ އެންމެ މަތީ އަސްކަރީ ޝަރަފު ކަމަށްވާ "ޕަރަމް ވީރް ޗަކްރާ" އެންމެ ހަގު އުމުރުގައި ހާސިލްކުރި އަރުން ކެތަރުޕަލްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަރުން އެ ޝަރަފު ހާސިލްކުރީ އުމުރުން 21 އަހަރުގަ އެވެ.