ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަށް މަޖިލީހަށް ހުށަހެޅި ބިލަށް އެމްޑީޕީން ތާއީދު ނުކުރާކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ގަފޫރު މިހެން ވިދާޅުވީ މިއަދު ދައުރުގެ ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވަރަށް ބޮޑަށް އެބިލަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ގަފޫރު ވިދާޅުވީ އެކަން ކުރަން ސަރުކާރުން އުޅެނީ ވެރިކަމުގެ ދައުރު 10 އަހަރަށް ހެދުމުގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގާނޫނުއަސާސީއަށް ހުށަހެޅުއްވީ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމަށާއި އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށެވެ.
ގަފޫރު ވިދާޅުވީ ބިލާއި ދެކޮޅުކަމަށް ވާހަކަދައްކަވަނީ ރަނގަޅަށް ދިރާސާނުކޮށް، އަވަސް އަރުވާލައިގެން ސަރުކާރުން އެކަން ކުރަން އުޅޭތީ ކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ އެހެން އެޖެންޑާއެއް އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެމްއެންޔޫ މެދުވެރިކޮށް މިކަމަށް ރަނގަޅު ދިރާސާއެއް ހަދައި އޭގެ ނަތީޖާއަށް ބިނާކޮށް ދެ އިންތިހާބު އެއްކުރުމުގެ ވާހަކަދެއްކުމަށް އޭނާ ގޮވާލެއްވި އެވެ.
ގަފޫރު ވިދާޅުވި ގޮތުގައި، މި ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ސަރުކާރުގެ މީޑިއާތަކާއި ޕީއެންސީގެ މީޑިއާތަކުން ތަކުރާރުކޮށް ވާހަކަ ދައްކަ އެވެ. "މިއުޅެނީ ހަރަދު ބޮޑުވެގެން ނޫން ކަމަށެވެ. އެއީ ސަރުކާރުން ކަނޑައެޅިގެން ހަދާ ދޮގެއް" އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވަން ނިންމަވާއި ވަނީ އިއުލާން ކުރައްވާފަ އެވެ. އޭރު ރައީސް ވިދާޅުވީ މިގޮތަށް އިންތިހާބު އެކުގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން 120 މިލިއަން ސަލާމަތްކުރެވޭނެ ކަމަށެވެ.
ގަފޫރު ވިދާޅުވީ ހަރަދު ކުޑަކުރަންކަމަށް ސަރުކާރުން ބުނާއިރު، އަދިވެސް މުވައްޒަފުން ނަގަމުން ދާކަމަށެވެ. އެގޮތުން ހަރަދު ކުޑަކުރުމުގެ ނަމުގައި އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމުމަށްފަހު ސިޓީސް މިނިސްޓްރީން 500 މުވައްޒަފުން ނަގަން އިއުލާން ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 72 މިލިއަން ރުފިޔާ އަހަރަކު ހަރަދުވާނެ ކަމެއްކަމަށް ގަފޫރު ވިދާޅުވި އެވެ.
މިގޮތުން މުވައްޒަފުންގެ މުސާރައަށް ހިނގާ ހަރަދު 11 ބިލިއަނުން 17 ބިލިއަނަށް އަރައިފި ކަމަށާއި އޭގެ ތެރޭގައި ސިޔާސީ މަގާމުތައް ގިނަކަން ފާހަގަކުރައްވާ ގަފޫރުވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މާ ގިނަ ދުވަހު ގާތުން ދޭނަމަ ދަރިންނަށް ގެއްލުންތަކެއް!
އެސްޓީއޯއިން އެކަނިވެސް މިހާރު 900 އަށްވުރެ ގިނަ ބޭސް އެތެރެކުރޭ