ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލޯކަލް ކައުންސިލް އިންތިހާބު 2026ގެ ޕްރައިމަރީގައި މައްސަލަ ބޮޑުވި މައްޗަންގޮޅި އުތުރު ދާއިރާގެ ފޮށިން އެންމެ ވޯޓަކުން ޔޫސުފް ޝަފީއު (ޔޫއްޕެ) ބަލިކޮށް އާދަމް އަދީމް ޕްރައިމަރީ ކާމިޔާބުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓުން ވާދަކުރި އިރު، އެ ހަތަރު ކެނޑިޑޭޓުންނަކީ އާދަމް އަދީމް އާއި ޔޫސުފް ޝަފީއު އާއި އިމްތިޔާޒް މުހައްމަދު އަދި ހުސައިން އިސްހާގެވެ.

ޕީއެންސީ ޕްރައިމަރީގެ މި ވޯޓާއި ގުޅިގެން އެ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ ޔޫއްޕެ މައްޗަށް ކުރި ހޯދި އަދީމް އަށް ޕްރައިމަރީ ކާމިޔާބު ކުރީ ވަރަށް ވާދަވެރި ގޮތަކަށް އެންމެ ވޯޓެއްގެ ތަފާތުން ކަމަށާއި އެގޮތުން ޔޫއްޕެ އަށް 57 ވޯޓު ލިބުނުއިރު، އަދީމް އަށް ލިބުނީ 58 ވޯޓު ކަމަށެވެ.

މިދިޔަ މަހު 27، ގައި ބޭއްވި އެ ޕްރައިމަރީގައި ދެން ވާދަކުރި ހުސައިން އިސްހާގަށް 25 ވޯޓު ލިބުނުއިރު، އިމްތިޔާޒް މުހައްމަދަށް ލިބުނީ 20 ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ޕްރައިމަރީގެ ތެރެއިން އެންމެ ހޫނުވީ މައްޗަންގޮޅި އުތުރު ދާއިރާގައި ބެހެއްޓި ވޯޓު ފޮށި ގުނި ވަގުތެވެ. އެގޮތުން އެތަނުގައި ހިނގި ހަމަނުޖެހުންތަކާއެކު ވޯޓު ގުނުން ހުއްޓުނެވެ.

މިގޮތުން ޕީއެންސީގެ ޕްރައިމަރީގެ ވޯޓުގެ ނަތީޖާ އިއުލާންކުރިއިރު އެ ވޯޓު ފޮށީގެ ނަތީޖާ އިއުލާންކޮށްފައެއް ވެސް ނުވެ އެވެ. އެ ވޯޓު ފޮށީގެ ނަތީޖާ އިއުލާން ކުރީ ފަހުންނެވެ.