އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި 8 ވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

މި މައްސަލަގައި މީގެ ކުރިން ހަތް މީހުން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ތިބިއިރު މިހާރު މިމައްސަލާގައި އަންގާރަ ދުވަހުގެ އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، މީޒާން އުމުރުން 30 އަހަރުގެ އިސްމާއިލް ސިރުހާން އެވެ. އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދަށް 30 ދުވަސް ވަނީ ޖަހައިފަ އެވެ.

އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެން ވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިތުރު މީހުން:

  • ގއ. ވިލިނގިލި، ބިނާ، އަބްދުލް އައްވަލް އިބްރާހީމް އަބޫބަކުރު 27އ
  • ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު 44އ
  • ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް 21އ
  • ލ. މާވަށް، ރޭޝަމް، މާޒިން މޫސާ 25އ
  • މާލެ، މ. ކޯރަސް، އަހުމަދު ރައިހާން ނައީމް 20އ
  • ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް 24އ
  • ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު 30އ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދައްކައި، ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު 27 ވަނަ ދުވަހުގެ ފަތިހު އެވެ.

ފުލުހުން ވަނީ މިމައްސަލަ ރިޕޯޓް ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޭރުމުގައި ބޭނުންކުރި ލޯންޗު ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފޭރިގަތް ސޫޓު ކޭހުގައި ހުރި ފައިސާގެ އަދަދު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އެ ސޫޓު ކޭހުގައި ފުރާ މީހުންނަށް ބީއެމްއެލުން ދޫކުރާ 130،000 ޑޮލަރު ހުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަ ވެސް އަދިވެސް މި ފައިސާތައް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ މިހާތަނަށް ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށާއި އަދި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައި ފާސްކޮށް، މާލެއާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.