އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލްއާ ދެކޮޅަށް އެ ގައުމުގެ ޝާހީ އާއިލާގެ މެމްބަރު ޕްރިންސް ހެރީގެ އިތުރުން ވެސް ހޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ދައުވާ ކޮށްފި އެވެ.

ޕްރިންސް ހެރީގެ އިތުރުން އެލްޓަން ޖޯން، އެލިޒަބަތު ހާލީ އަދި ސެޑީ ފްރޮސްޓް ހިމެނޭހެން ހަތް ފަރާތަކުން ގުޅިގެން ކޮށްފައިވާ އެ ދައުވާގައި ބުނެފައިވަނީ އެ ނޫހުން އެ ފަަރާތްތަކުގެ ޒާތީ މަސްލަހަތަށް އަރައިގަނެފައިވާ ކަމަށެވެ.

އެގޮތުން ހަބަރު ހޯދުމުގެ ބޭނުމުގައި އެ ފަރާތްތަކުގެ ހުއްދަ ނެތި އެ މީހުންގެ ކާރުގައި މައިކް ހަރުކުރުމާއި ޕްރައިވެޓް އިންވެސްޓިގޭޓަރުން ބޭނުން ކުރުން ފަދަ ޖާސޫސީ އަމަލުތައް ހިންގާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.

މި ދައުވާތަކަށް ޑެއިލީ މެއިލް ހިންގާ ކުންފުނި އެސޯސިއޭޓަޑް ނިއުސްޕޭޕާސް ލިމިޓެޑްއިން ދެކޮޅު ހަދާފައިވާއިރު އެ މައްސަލައިގެ ޝަރީއަތް ލަންޑަންގެ ހައިކޯޓުން ވަރަށް އަވަހަށް ފަށާނެ އެވެ.

މިއާއެކު މި މައްސަލަ ވެގެންދާނީ ޕްރިންސް ހެރީ ޝަރީއަތަކަށް ހާޒިރުވާ ދެވަނަ ފަހަރަށެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވެސް ހެރީ ވަނީ ގަރުނެއްހާ ދުވަހަށްފަހު ކޯޓަކަށް ހާޒިރުވި އިނގިރޭސި ޝާހީ އާއިލާގެ ފުރަތަމަ މެމްބަރަށް ވެފަ އެވެ.

އެ ފަހަރު ވެސް ކޯޓުގައި ކުރިއަށް ދިޔައީ މީޑިއާގެ ފަރާތަކުން ޕްރިންސް ހެރީގެ ޒާތީ މިނިވަން ކަމަށް އަރައިގަނެ ފޯނު ހެކްކޮށްގެން ވޮއިސްމެއިލްތަކެއް ބެލި މައްސަލަ އެކެވެ.