ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އޭނާގެ މިއުޒިކީ މަސައްކަތްތަކުން ދުރުވެ ބްރޭކެއް ނެގިކަން މިއަދު އިއުލާން ކޮށްފި އެވެ.

ނޭހާގެ އިންސްޓަގްރާމްގައި ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އެއީ މިވަގުތު އޭނާގެ އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމަށް އެންމެ ރަނގަޅު ނިންމުން ކަމަށެވެ.

މީގެ އިތުރުން ނޭހާ ބޮލީވުޑަށް އެނބުރި އަންނާނެ ދުވަހެއް ނުވަތަ އެނބުރި އަންނާނެކަން ނުވަތަ ނޫންކަން ވެސް ބުނަން ނޭނގޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެއާއެކު އޭނާގެ ވީޑިއޯތަކާއި ފޮޓޯތައް ނުނެގުމަށާއި އޭނާގެ ޒާތީ މިނިވަން ކަމަށް އިހުތިރާމް ކުރުމަށް ސަޕޯޓަރުންނާއި މީޑިއާގެ ކިބައިން ނޭހާ އެދިފައިވެ އެވެ.

ނޭހާ ބޮލީވުޑްގެ މަސައްކަތްތަކުން ދުރަށް ދިޔަ ސީދާ ސަބަބެއް ސާފުނުވި ނަމަވެސް އެއީ އޭނާގެ ބޭބެ ޓޮނީ ކައްކަރުއާއެކު މިފަހުން ނެރުނު ލަވަ "ކޭންޑީ ޝޮޕް"އަށް އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް ބުނެވެ އެވެ.

އެގޮތުން އެ ލަވައަކީ ކޭޕޮޕް ބޭންޑެއް ކަމަށްވާ "ބްލެކް ޕިންކް"ގެ ސްޓައިލް ކޮޕީ ކޮށްގެން ހަދާފައިވާ "ޗީޕް" ލަވައެއް ކަމަށް އެ ލަވަ ބެލި ފަރާތްތަކުން ބުނެ އެވެ.

ނޭޭހާ ކައްކަރުއަކީ ބޮލީވުޑްގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި އެދާއިރާގެ މިއުޒިކީ އާއިލާއަކަށް ނިސްބަތްވާ ފަންނާނެކެވެ.