މަސްތުވާތަކެތީގެ މައްސަލަ ތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރު ކޮށްފައިވަނީ އޭދަފުއްޓާއި، ދުވާފަރާއި، ކުޅުދުއްފުށިން ކަމަށެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން ހައްޔަރުކޮށްފައި ވަނީ ބ. އޭދަފުށި / ބަށިމާގެ، މުޙައްމަދު ރައްޝާމް (27އ) އެވެ.

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރަމުންދާކަމުގެ ތުހުމަތުގައި މި މަހު 22 ވަނަ ދުވަހު އޭދަފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި ރައްޝާމް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާ އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 36 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ރައްޝާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދުވާފަރުގައި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު، ސެމަންވިލާ، އަލީ މައިސާން،20، އާއި ރ. ދުވާފަރު، ގުރީންހެވަން، ހޫދު ހުސައިން،18، އެވެ.

އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.