ކ. ތިލަފުށީގައި ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން ސްރީލަންކާ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތްކުރާ އަމީން މިއާ، 24، މަރުވީ ޖެނުއަރީ 26، ގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި ކޮންނަބޯޓަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ.

ކޮންނަ ބޯޓުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އަމީން މިއާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، އޭނާ ގައިމައްޗަށް ކުނިތަކެއް އެޅުނު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ކޮންނަ ބޯޓު ދުއްވަން ހުރި 32 އަހަރުގެ ސްރީލަންކާ މީހާ އެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީން ފެންނަ ގޮތުގައި ކޮންނަ ބޯޓުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް، ހުއްޓުމެއް ނެތި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އަމީން މިއާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓްކުރީ ދެ ދުވަސް ފަހުންނެވެ.