ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ހޮލީވުޑް ފިލްމު "ދަ ބީޓްލްސް"އާއެކު ބޮލީވުޑްގެ ތަރި ފަރްހާން އަޚްތަރު ހޮލީވުޑަށް ތައާރަފްވާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަދި ޑައިރެކްޓަރު ފަރްހާން ހޮލީވުޑަށް ތައާރަފް ވާނީ މަޝްހޫރު ބޭންޑް " ދަ ބީޓްލްސް"ގެ ހަޔާތުގެ މައްޗަށް ހަދާ ބައޮޕިކް ފިލްމުންނެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގައި ފަރްހާން ފެނިގެންދާނީ "ދަ ބީޓްލްސް"އާ ގާތް ގުޅުމެއް ބޭއްވި އިންޑިއާގެ ކްލެސިކް ލަވަކިޔުންތެރިޔާ ޕަންޑިތު ރަވީ ޝަންކަރުގެ ރޯލެވެ.

ރަވީ ޝަންކަރަކީ 70ގެ އަހަރުތަކުގައި "ދަ ބީޓްލްސް" އިންޑިއާއަށް ދަތުރު ކުރިއިރު އެ ބޭންޑުގެ މެހެމާންދާރީގެ ކަންކަމާ ވެސް ހަވާލުވެ ހުރި ފަރާތެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ގެނެސްދޭ މި ބައޮޕިކް ފިލްމުގައި ފަރްހާން ފެންނާނެކަން މިދިޔަ ބުރާސްފަތި ދުވަހު ސޮނީ ޕިކްޗާސްއިން ކުރި ޓްވީޓެއްގައި ވަނީ ޔަގީން ކޮށްދީފަ އެވެ.

މި ފިލްމު ވެގެން ދާނީ ފަރްހާންގެ ފުރަތަމަ ބައިނަލްއަގްވާމީ ފިލްމަށެވެ. މީގެ ކުރިން އެމެރިކާގެ ޓީވީ ޝޯއަކުން އޭނާ ފެނިގެންދިޔައިރު ބައެއް އުފެއްދުންތަކުގައި ކެމިއޯ ރޯލުތައް ވެސް ކުޅުނެވެ.