ދިވެހިރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި، ކުޅިވަރު ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެ ބެންކަށް ހާއްސަ އެވޯޑެއް ދީފި އެވެ.
ބޭންކަށް މި އެވޯޑު ދީފައި ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން އިންތިޒާމުކޮށްގެން އާދިއްތަ ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގަ އެވެ.
މި ޝަރަފުވެރި އެވޯޑާ ބޭންކުގެ ފަރާތުން ހަވާލުވެލެއްވީ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ. މި އެވޯޑަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބޭންކުން ފޯރުކޮށްދެމުންދާ މުހިންމު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. މީގެ ތެރޭގައި ކުޅިވަރު ތަރައްގީ ކުރުމާއި، ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް އެހީތެރިވުމާއި ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުން ހިމެނެ އެވެ.
އެގޮތުން ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނަރޝިޕްތަކުގެ ދަށުން ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން 2023 ވަނަ އަހަރުން ފެށިގެން ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް އަންނަނީ ދެމުންނެވެ. މި ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.
މީގެ އިތުރުން ބޭންކުން ވަނީ ބާސްކެޓް ބޯޅަ އެރީނާއެއް ގާއިމްކުރުމަށް އެމްބީއޭ އާއެކު އެއްބަސްވެފައެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލްއިން އަންނަނީ ފުުޓްބޯޅަ އެސޯސިއޭޝަނަށް އެހީތެރިވަމުންނެވެ. ދާދި ފަހުން ބޭންކުން ވަނީ އަނެއްކާ ވެސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްފަ އެވެ.
ބެކަމްގެ އާއިލީ މައްސަލަ ހައްލުވާން އުޅޭކަމުގެ ސިގްނަލެއް
އީރާނުން ޗައިނާއަށް ތެޔޮ ވިއްކުން ހުއްޓުވަނީ