ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ ދައުރު ގުނާނެ ގޮތް ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފި އެވެ.
ދެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ނިންމަވައި ރައީސް މުއިއްޒު ނެރުއްވި ގަރާރެއްގައި ވިދާޅުވީ ފެބުރުވަރީ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގު ކުރެވޭނީ ރައްޔިތުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެން ކަމަށެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ވެރިކަން ހިންގުމުގެ ނިޒާމަށާއި އިންތިހާބުތަކާ ގުޅުންހުރި މުހިންމު ބަދަލުތަކެއް ގާނޫނުއަސާސީއަށް ގެންނަ ނަމަ، އެ އިސްލާހެއް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނެގުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވެ އެވެ. މީގެ އިތުރުން "ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ގާނޫނު" ގެ ދަށުން ވެސް މި އިޖުރާއަތް ފުރިހަމަ ކުރަން ޖެހެ އެވެ.
ހިޔާލު ހޯދުމުގެ މި ވޯޓު ނެގުމަށް ނިންމާފައި ވަނީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއެކު އޭޕްރީލް 4 ވަނަ ދުވަހު އެވެ.
މިކަމާ ގުޅިގެން އިއްޔެ އީސީން ނެރުނު އިއުލާނެއްގައި ބުނީ، ކައުންސިލް އިންތިހާބު 2026 އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށް ގާއިމު ކުރެވިފައިވާ "ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަށް އެ ވޯޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މިގޮތުން އާންމު ވޯޓު ނެގުމާ ގުޅޭ ގޮތުން، ޝަކުވާ ހުށަހަޅަންވާނީ އެކަމަށް އީސީން ކަނޑައަޅާފައިވާ "ޝަކުވާ/ މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ.
ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރަކީ 3004498 އެވެ. މި ބިއުރޯގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވާ ފޯމުތައް ވެސް ބަލައިގަންނަ ވަނީ ނިންމާފަ އެވެ.
ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 13:30 އަށެވެ. ހުކުރު ދުވަހު ރޭގަނޑު 21:00 އިން ހަވީރު 23:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:30 އިން 12:30 އަށެވެ. ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެދުވަހު ވޯޓު ނަގަން ފެށުނީއްސުރެން ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ ހަމައަށެވެ.
'ރޯދަ ރައިޑް' ޕްރޮމޯޝަން މޮޓޯއެކްސްއިން ފަށައިފި
ސްކޫލު ދައުރު ނިންމާ މިލިޓަރީ ޓްރެއިނިންގ ނުހަދަނީސް ވަޒީފާ ނުދީ