އިޖުތިމާއީ އަދާލަތަކީ ހަމަހަމަ މުޖުތަމައުތައް ބައްޓަންކުރުމަށް މަގުދައްކައިދޭ މުހިންމު އަސާސެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި، ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައާއެކު މި ދުވަސް ފާހަގަކުރާއިރު، މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް އޭގެ މާނަ ވަރަށް ބޮޑު ދުވަހެއް ކަމަށެވެ.
ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި، އިންސާނީ ކަރާމާތާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ވަކިން ހާއްސަކޮށް، ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ ރާއްޖޭގައި މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުވި އެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާއި، އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ބާރުއަޅުއްވާނެ ކަމަށެވެ. މީގެ އިތުރުން، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ އިތުރުން، އެކަށީގެންވާ މަސައްކަތްތަކެއް ލިބޭނެ ފަދަ އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިންވެސްޓް ކުރަމުން މިދަނީ ތައުލީމާއި ހުނަރު ތަރައްގީ ކުރުމަށް. އެއީ ކޮންމެ ދިވެއްސަކަށް ވެސް އަމާން އަދި އުންމީދީ މުސްތަގުބަލެއް ބިނާކުރުމުގެ ބާރުވެރިކަން ހޯދައިދިނުމަށްޓަކައި،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
މުޖުތަމައުގައި ހުރި ތަފާތުކުރުންތަކާއި ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، އެ ގޮންޖެހުންތަކާއެކުވެސް ސަރުކާރުގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެންމެން ގުޅިގެން، ކުލުނާއި ޒިންމާދާރުކަމާއެކު މަސައްކަތްކޮށް، ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ރެފަރަންޑަމާ ދެކޮޅު ހަދައި މުޒާހަރާކުރަން އެމްޑީޕީން ނިންމައިފި
އެޕްސްޓީންގެ ޖަރީމާތަކުގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ