ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރު ހިމެނޭ ބްރީފްކޭހެއް ފޭރުނު މައްސަލައިގައި އަށް މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެ މީހުން ޓެކްސީއެއްގައި އެއާޕޯޓަށް ގޮސް، ބީއެމްއެލްގެ މުވައްޒަފުން ގެންދިޔަ ބްރީފްކޭސް ފޭރިގެން ލޯންޗެއްގައި ވަނީ ފިލާފަ އެވެ. ހަމަ އެދުވަހު އެ ލޯންޗު ހޯދައި ބައެއް މީހުން ހައްޔަރު ކުރި އެވެ. ފޭރިގަތް ބްރީފްކޭހުގައި 106,120 ޔޫއެސް ޑޮލަރާއި، 4,900 ޔޫރޯއާއި، 1,735 ޕައުންޑާއި، 334,000 ޖަޕަނީސް ޔެންއާއި، 10,420 ހޮންގކޮންގް ޑޮލަރާއި، 2,610 ސިންގަޕޯރ ޑޮލަރާއި، 1,345 އޮސްޓްރޭލިއަން ޑޮލަރާއި، 1,515 ކެނޭޑިއަން ޑޮލަރާއި، 510 ސްވިސް ފްރޭންކާއި، 600 ޗައިނީސް ޔުއާނާއި، 25,000 އިންޑިއަން ރުޕީސް އަދި 23,778 ދިވެހި ރުފިޔާ ހުއްޓެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާހިދުގެ މައްޗަށް ފޭރުމުގެ ކުށާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރު ދެއްކުމުގެ ކުށާއި، މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ. ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ކުށާއި ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރު ދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ.
ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރާއި، ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދާއި، ލ. މާވަށް، ރޭޝަމް، މާޒިން މޫސާއާއި، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމާއި، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފާއި، ރ. މަޑުއްވަރި، މީޒާން، އިސްމާއީލް ސިރްހާންގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ.
މި އަމަލުގެ ސަބަބުން ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ސިއްހީ އެހީއަށް އެދޭ ސްކޭމް ޕޯސްޓުތަކަށް ސަމާލުވާން އެދިއްޖެ
ޒަހަމްވި ނަމަވެސް މޮޖްތަބާ ހާމަނާއީ މަސައްކަތުގައި އުޅުއްވާ
ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލެއް