ރާއްޖެ އަންނަ ހުރިހާ ފަރާތްތަކުން ވެސް ޕީސީއާރް ނެގެޓިވް ޓެސްޓް ނަތީޖާ ގެންނަން ޖެހޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

ޑިރެކްޓަ ޖެެނެރަަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމެއްގައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިންނާއި، ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް ރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން 96 ގަޑިއިރު ނުވާ ޕީސީއާރް ނެގަޓިވް ނަތީޖާއެއް ހޯދައިގެން ނޫނީ ރާއްޖެއަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އުމުރުން އެއް އަހަރުން ދަށުގެ ކުޑަކުދިންގެ ޕީސީއާރް ނެގެޓިވް ނަތީޖާ ބޭނުމެއް ނުވާނެ އެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް ޕީސީއާރު ނެގެޓިވް ޓެސްޓެއް ގެންނަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭ އިން މިފަދަ އެންގުމެއް މި އެންގީ އަވަށްޓެރި އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި އަދި އެގައުމުން ކޮވިޑްގެ އާ ވޭރިއެންޓްތަކެއް ފެނިފައި ވަނިކޮށެވެ.

އެޗްޕީއޭ އިން ބުނީ އިންޑިއާއިން ފެނިފައިވާ ބައެއް ވޭރިއެންޓްތައް ވެކްސިނަށް ވެސް ނުގުޑާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް ކަންބޮޑުވާންޖެހޭ މިންވަރަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންދެ އެވެ. އެގޮތުން މިއަދު އެކަނި ވެސް 465 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ކޮވިޑް ޖެހުނު 146 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.