ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެ ދެ އިންތިހާބުގެ ވޯޓުލުން މިއަދު 9:00 އިން މިއަދު ހަވީރު 4:00ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

އިންތިހާބުގައި ދެވަނަ ބުރު އޮތީ ހއ. ތަކަންދޫ އާއި ހއ. އުލިގަމާއި ނ. މަގޫދޫ އާއި ރ. މާކުރަތާއި ބ. ކެންދޫ އާއި ބ. ކިހާދޫ އާއި ވ. ފުލިދޫ އާއި މ. ރަތްމަންދޫ އާއި ފ. ދަރަނބޫދޫގެ އިތުރުން ލ. ކަލައިދޫގަ އެވެ.

ދެވަނަ ބުރުގައި ވޯޓުލަނީ އެއްވަރު ވި ރަށްތަކާއި، ދާއިރާ އިން ބޭރު ބައެއް މީހުން ވޯޓުލައިގެން އަލުން ވޯޓުލާން ނިންމި ފޮށިތަކުގަ އެވެ. އަދި ވޯޓު އެއްވަރު ވި ރަށްރަށުގައި ވޯޓު ނަގަން ހަމަޖެހިފައިވަނީ އެއްވަރު ވި ބައިން އެކަނި ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރިނަމަވެސް، އެމްޑީޕީއަށް މި އިންތިހާބުގައި މާލެ ސިޓީ އާއި އައްޑޫން ވަނީ ކުރިން ހޯދަމުން އައި ކާމިޔާބީ ނުލިބިފަ އެވެ. އެމްޑީޕީއަށް އިންތިހާބުގައި މާލޭގެ މޭޔަރުކަމާއި މެޖޯރިޓީ ވެސް ވަނީ ގެއްލިފައިވާއިރު އައްޑޫ ސިޓީގެ މެޖޯރިޓީ ވެސް ވަނީ ގެއްލިފަ އެވެ.

މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން 400 ގޮނޑިއެއް ކާމިޔާބު ކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެސްސީއިން ވަނޯ 325 ގޮނޑީ ކާމިޔާބު ކޮށްފަ އެވެ. އަމިއްލަ ކެންޑިޑޭޓުން 173 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު ޖުމްހޫރީ ޕާޓީއިން 26 ގޮނޑި އަދި އަދާލަތު ޕާޓީއިން 13 ގޮނޑިއެއް ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި އެމްޑީއޭއިން 16 ގޮނޑި ކާމިޔާބުކޮށްފައިވާއިރު އެމްއާރުއެމްއިން ގޮނޑިއަކާއި ލޭބާ ޕާޓީއިން ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ.