އިންޑިއާގައި އީދާއި ދިވާލީފަދަ މުނާސަބަތުތަކަކީ އާއްމުކޮށް ބޮލީވުޑް ފިލްމުތައް ރިލީޒް ކުރެވޭ މުނާސަބަތުތަކެކެވެ.

އާއްމުކޮށް ކޮންމެ އަހަރެއްގެ އީދުގައި ސަލްމާން ޚާންގެ ފިލްމެއް ރިލީޒް ކުރެވޭއިރު ޝާހްރުކް ޚާންގެ ފިލްމުތައް އާއްމުކޮށް ރިލީޒް ކުރެވެނީ ދިވާލީގަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ސަލްމާންގެ "ސިކަންދަރް" ރިލީޒް ކުރެވުނުއިރު އެ އަހަރުގެ ދިވާލީގައި ރިލީޒް ކުރެވުނީ "އޭކް ދިވާނޭ ކީ ދީވާނިއްޔަތު" އެވެ.

އެހެން ނަމަވެސް މި އަހަރަކީ މުޅިން ތަފާތު އަހަރެކެވެ. ބޮލީވުޑްގެ އެންމެ ބޮޑު ދެ ފަންނާނުންގެ އެއްވެސް ފިލްމެއް މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައެއް ނުވެ އެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އީދުގައި ސަލްމާން ޚާންގެ ފިލްމެއް ރިލީޒް ކުރަން ހަމަޖެހިފައި ނެތުމުން އީދުގެ ފޯރި ކުޑަވެފައިވާ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ސަލްމާންގެ ފިލްމެއް ދެން އެންމެ އަވަހަށް އަންނާނީ އަންނަ އޮގަސްޓް މަހު ކަމަށް ބުނެވެ އެވެ. އެއީ "ބެޓަލް އޮފް ގަލްވާން" އެވެ.